ކުޅިވަރު

ދުނިޔޭގެ ޓީ20 ކްރިކެޓު ރޭންކިންގައި ރާއްޖެ ފުރަތަމަ ފަހަރަށް ހިމެނިއްޖެ


އިންޓަރނޭޝަނަލް ކްރިކެޓް ކައުންސިލް ޓީ 20 ވޯލްޑް ރޭންކިންގައި ރާއްޖޭ ފުރަތަމަ ފަހަރަށް ހިމެނިއްޖެއެވެ.

އައިސީސީ ޓީ 20 ވޯލްޑް ކްރިކެޓް ރޭންކިންގައި ރާއްޖެ ފުރަތަމަ ފަހަރަށް ހިމެނިފައިވާއިރު ރާއްޖެ ރޭންކް ކޮށްފައިވަނީ 46 ވަނާގައެވެ. ކޮންމެ އަހަރަކު އެއްފަހަރު ނެރޭ ކްރިކެޓް ޓީ 20 ރޭންކިންގައި މިފަހަރު ރާއްޖެ ލައްވާލާފައިވަނީ 2013ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ސީނިއަރ ކުޅެފައިވާ މެޗްތަކަށް ބަލާފައެވެ.

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ ރައީސް މުހައްމަދު އަފްލާޙު ވިދާޅުވީ ރާއްޖެ މިފަހަރު ޓީ 20 ރޭންކިންގައި ރާއްޖެއަށް ޖާގަ ލިބުމަކީ ރާއްޖެ ކްރިކެޓަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްކަމަށާއި މިއީ މިދިޔަ އަހަރުތަކުގައި ކުރި ބުރަ މަސައްކަތުގެ ނަތީޖާކަމަށެވެ.

އަފްލާހު ވިދާޅުވީ ރާއްޖެއިން ފުރަތަމަ ފަހަރަށް ޓީ 20 ރޭންކިންގައި ހިމެނުމުން މަގާމު ދަމަހައްޓަން މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ. އަދި ކުރިއަށް ވުރެ ބޮޑަށް ރާއްޖޭގައި ކްރިކެޓް މިހާރު މަގްބޫލްވެއްޖެކަމަށްވެސް ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ ރައީސް މުހައްމަދު އަފްލާޙު ވިދާޅުވިއެވެ.

"މިއީ ރާއްޖެއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް. މިރޭންކިންއާއެކު މިހާރު ކުރަންޖެހިފައިވާ މަސައްކަތްވަނީ ވަރަށް ބޮޑުތަން އިތުރުވެފަ. އަސްލުގައި މިއީ ރާއްޖޭގެ ކްރިކެޓްއަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް. މިކަންތަށްތަށް އެބަޖެހޭ އަޅުގަނޑުމެން ދަމަހައްޓަން. ވަރަށް ބުރަކޮށް މަސައްކަތް ކުރަން"

އަފްލާޙު ވިދާޅުވީ ގައުމީ ޓީމްއިން މިހޯދާ ކާމިޔާބީތަކުގެ ސަބަބުން ކްރިކެޓް ހިގަންތިބޭ ފަރާތްތަކަށްވެސް މިހާރު މަޑުން ތިބެވެން ނެތްކަމަށާއި އެބޭފުޅުންވެސް މިހާރު ވަރަށް އެކްޓިވްކޮށް ހަރަކާތެރިވާންޖެހޭކަމަށެވެ.

އައިސީސީ ޓީ 20 ކްރިކެޓް ރޭންކިންގައި ރާއްޖެއާއި އެންމެ ވާދަކުރަނީ އާޖެންޓީނާ، ސްވިޑްން އަދި އިސްރާއީލެވެ.