ޚަބަރު

ނުރަސްމީ ދަތުރުފުޅެއްގައި ރައީސް ޞާލިޙު ސްރީލަންކާއަށް ފުރާވަޑައިގެންފި


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ނުރަސްމީ ދަތުރުފުޅެއްގައި، ސްރީލަންކާއަށް ފުރާވަޑައިގެންފިއެވެ.

ތިން ދުވަހުގެ ނުރަސްމީ ދަތުރުފުޅެއްގައި ރައީސް ޞާލިޙް ސްރީލަންކާއަށް ފުރާވަޑައިގެންނެވީ މިއަދު މެންދުރުފަހުއެވެ. އެހެން ނަމަވެސް ރައީސް ޞާލިޙްގެ މި ދަތުރުފުޅާއި ގުޅޭ އިތުރު މަޢުލޫމާތެއް ރައީސް އޮފީހުން ނުދެއްވައެވެ.

މިއީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ރައީސުލް ޖުމްހޫރިއްޔާ ކަމުގެ މަގާމަށް އިންތިޚާބުވެ ވަޑައިގެންނެވިފަހުން ސްރީލަންކާއަށް ވަޑައިގެންނެވި ދެވަނަ ފަހަރެވެ. އެގޮތުން އެމަނިކުފާނު ވަނީ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވައި ކުރެއްވުމުގެ ކުރިން އެޤައުމަށް ވަޑައިގަންނަވާފައެވެ.

މިއީ ވެރިމަކާހަވާލުވެ ވަޑައިގެންނެވި ފަހުން ރައީސް ޞާލިޙް ކުރައްވާ ނުރަސްމީ ފުރަތަމަ ދަތުރުފުޅަށް ވީނަމަވެސް އެމަނިކުފާނު ވަނީ ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް ވަޑައިގަންނަވާފައެވެ.