ޚަބަރު

ފިނިފެންމާ ލޯންޗްގައި އެއްޗެއް ގޮއްވާލި މައްސަލަ އަލުން ތަޙްޤީގު ކުރާނަމަ އެއްބާރުލުން ދޭނަން - އުމަރު ނަޞީރު


ރިޔާސީ ލޯންޗުކޮޅު ފިނިފެންމާގައި އެއްޗެއް ގޮވި މައްސަލަ މިސަރުކާރުން އަލުން ތަޙްޤީޤުކުރާނަމަ އެކަމަށް ފުރިހަމައަށް އެއްބާރުލުން ދެއްވާނެކަމަށާ އެހެންނަމަވެސް އިތުރު ނަތީޖާއެއް އެއިން ނުނުކުންނާނެކަމަށް މި މައްސަލަ ބެލުމަށް ކުރީގެ ސަރުކާރުން އުފެއްދެވި ނޭޝަނަލް އިންކުއަރީ ކޮމިޝަންގެ ކޯ ޗެއާ އަދި އޭރުގެ ހޯމް މިނިސްޓަރު ޢުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

28 ސެޕްޓެމްބަރު 2015 ގައި ރިޔާސީ ލޯންޗު "ފިނިފެންމާ" ގައި އެއްޗެއް ގޮވި ހާދިސާއާ ގުޅުވައިގެން މިހާރު ފެންމަތިވެގެންއުޅޭ ވާހަކަތަކާއި ގުޅިގެން ޕީ.އެސް.އެމް ނިއުސްއަށް ދެއްވީ ޚައްސަ އިންޓަވިއުއެއްގައި އުމަރު ނަސީރު ވިދާޅުވީ، ފިނިފެންމާ ލޯންޗްގެ ހާދިސާގެ ވީޑިއޯއާ ގުޅުވައިގެން މިހާރު ފަތުރަމުން ދަނީ ދޮގު ވާހަކަތަކެއް ކަމަށެވެ. އޭނާ ވިދާޅުވީ އެކަމާއި ގުޅިގެން ކޮންމެ ފަދަ ވާހަކައެއް ހަދަހަދައިގެން ދެއްކިނަމަވެސް އެމައްސަލަ ތަޙްޤީގުރުމުގައި އިސްކޮށް ހުރި މީހެއްގެ ހައިސިއްޔަތުން އެއްވެސް ޖެހިލުމެއް ނުވާކަމަށެެވެ. އުމަރު ވިދާޅުވީ ފިނިފެންމާ ލޯންޗްކޮޅު ގޮއްވާލި މައްސަލަ ތަޙްޤީގު ކުރީ އެމެރިކާ ހިމެނޭހެން 4 ޤައުމެއް ގުޅިގެންކަމަށާއި، އެޓީމުން ތަޙްޤީގުގައި އެނަލައިޒްކުރީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ރައީސަށް ޚައްސަކޮށް ހުންނަ ކެމެރާމަނު ނަގާފައިވާ ވީޑިއޯ ފުޓޭޖްކަމަށެވެ. އަދި މިމައްސަލައިގައި ބޭނުންކުރި ހުރިހައި ހެއްކަކީވެސް ކަނޑައެޅިގެން ރަނގަޅު ހެކިތައްކަން އުމަރު ފާހަގަކުރެއްވިއެވެ.

ފިނިފެންމާ ލޯންޗުގައި އެއްޗެއް ގޮވި މަންޒަރުފެންނަ ވީޑިއޯއާ ގުޅޭގޮތުން މިހާރު ދެކެވެމުންދާ ވާހަކަތަކާ ގުޅިގެން، އެމައްސަލަ ބެލުމާމެދު ޕްރޮސެކިއުޓަރ ޖެނެރަލާ މަޝްވަރާކުރައްވާނެކަމަށް އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ވިދާޅުވެފައިވާއިރު، މިމައްސަލަ ބެއްލެވުމަށް އޭރު ރައީސް ޔާމީނު އުފެއްދެވި އިންކުއެރީ ކޮމިޝަންގައި އެންމެ އިސްކޮށްއުޅުއްވި ބޭފުޅާ އަދި އޭރުގެ ހޯމްމިނިސްޓަރ ޢުމަރު ނަސީރު ވިދާޅުވީ މިމައްސަލަ ތަޙްޤީގުކުރީ ރަނގަޅަށް ނޫންކަމަށް މިސަރުކާރަށް ޤަބޫލު ކުރެވޭނަމަ އަނެއްކާވެސް އަލުން ތަޙްޤީގުކުރަންވީކަމަށާއި، އެކަމަށް މަރުހަބާ ވިދާޅުވާނެކަމަށެވެ.

"މީގައިހުރި ހުރިހާ ހެއްކަކީ ސީދާ ކަނޑައެޅިގެން ވަރަށް ރަނގަޅު ހެކި، އެހެންވީމަ އެހެކިތަކުގެ މައްޗަށް ބިނާކޮށް އަދީބުގެ މައްސަލަ ތަޙުޤީގުކުރެވި، އަދި ފަހުން ޝަރީޢަތް ހިންގުނީވެސް. ދެން އެއީ ގޯސް އެއްޗެއްކަމަށް މިސަރުކާރަށް ފެންނަކަމަށް ވަންޏާމު، ހަމައަނެއްކާވެސް ތަޙްޤީގުކުރަންވީ. އަޅުގަނޑު އެކަމަށް މަރުޙަބާވެސް ކިޔާނަން އިންގޭތޯ. އަދި އަޅުގަނޑަށް ދެވޭ އެއްބާރުލުމެއްވެސް ދޭނަން. އަޅުގަނޑަށް ޔަޤީންވާކަމަކީ މިސަރުކާރުން ތަޙްޤީގުކުރިއަސް ހަމަ ފެންނާނީ އަޅުގަނޑުމެންނަށް ފެނުނު އެއްޗެއް" ޢުމަރު ވިދާޅުވިއެވެ.


ފިނިފެންމާ ލޯންޗުގައި އެއްޗެއް ގޮވި މައްސަލައިގެ ހަޤީގަތް ތަޙްޤީގުކޮށް ޝަރީޢަތަށް ފޮނުވުމުގައި އެއްވެސް އޮޅުވާލުމެއް ނުވަތަ ފޮރުވުމެއް ނޯންނާނެކަން ފާހަޤަކުރައްވަމުން އުމަރު ނަސީރު ވިދާޅުވީ އެމެރިކާގެ އެފް.ބީ.އައި އާއި ސަޢުދީ ޢަރަބިއްޔާ އާއި ސްރީލަންކާގެ ފޮރިންސިކް ޓީމްތަކުން އައިސް ހިންގި މަލްޓިނޭޝަނަލް ތަޙްޤީގުގައި އެގޮވުމާބެހޭ ހުރިހާކަމެއް ތަޙްޤީގުކުރިކަމަށެވެ.

ފިނިފެންމާ ލޯންޗުގައި އެއްޗެއް ގޮއްވާލަން ބޭނުންކޮށްފައި ހުރީ ސިފައިންގެ ބަޑި ގުދަނުގައި ހުރި އެންމެ ބާރުގަދަ އެކްސްޕްލޯސިވް ކަމަށާއި، މިފަދަ ބާރުގަދަ އެކްސްޕްލޯސިވްއެއްގައި އަލިފާން ފެންނާނީ "ކަންޏެއް" ގޮތަށް ސިކުންތެއްގެ ދިހަ ބައިކުޅަ އެއްބައިގައި ކަމަށްވެސް ޢުމަރު ވިދާޅުވިއެވެ.

"ވަރަށް ކުޑަކުޑަ ވަގުތުކޮޅެއްގައި އަލިފާން ފެންނާނީ އެހެންވީމަ އެގޮތުން މިވީޑިއޯ ފުޓޭޖްގައި އަލިފާން ފެންނާނީ ވީޑިއޯ ފުޓޭޖް ސްލޯ ކުރީމަ، މަޑުކުރީމަ ފެންނާނީ އިނގޭތޯ. އެއީ އާއްމުކޮށް ވީޑިއޯގެ ފްރޭމިންގ ގައި މިހުންނަނީ، ސިކުންތަކު 25 ފްރޭމް. އެހެންވީމަ ސިކުންތެއްގެ 10 ބައިކުޅަ އެއްބައިގައި ފެންނަ އެއްޗެއް ފެންނާނީ އޭތި ސްލޯކޮށްލީމަ، އެވަގުތު އެތާތިބި ނޫސްވެރިންނަށްވެސް ދުން ފެންނާނެ، އެހެންވީމަ ދުމެއް ނުއުފެދޭނެ އަލިފާނެއް އޭގެ ޒާތުގައި ނެތީހެއް" ޢުމަރު ވިދާޅުވިއެވެ.


އެހާދިސާ ހިނގާދިޔައިރު އަލިފާނުގެ އެއްވެސް އަސަރެއް ފެންނަން ނެތްކަމަށާއި، ފުލުހުންނަށް ދިން ބަޔާނުގައިވެސް އެގޮތަށް ބަޔާންކޮށްފައިވާނެކަމަށް ވިދާޅުވެ ރައީސް އޮފީހުގެ ކުރީގެ ތަރުމާނު އިބްރާހީމް މުޢާޒް ދެއްކެވި ވާހަކަތަކާއި، ރިޔާސީ ލޯންޗުކޮޅު، "ފިނިފެންމާ"ގައި ގޮވި ގޮވުމުގެ ތެރެއިން އަލިފާން ނުފެންނަ ވީޑިޔޯ އެއް، މީޑިއާއިން އާންމުކުރި ކުރުމާ ގުޅޭގޮތުން އުމަރު ނަސީރު ވިދާޅުވީ، މިދުވަސްވަރު އެފަދަ ވާހަކަތައް ފަތުރަމުންދަނީ، ފިނިފެންމާ ލޯންޗްކޮޅުގައި އެކްސްޕްލޯސިވްއެއް ގޮއްވާލީ އޭރުގެ ނައިބު ރައީސް އަޙްމަދު އަދީބު ނޫންކަމަށް ދެއްކުމަށް ކަމަށެވެ. އަދި މިއީ އެމް.އެމް.ޕީއާރު.ސީގެ ޚިޔާނާތުގެ ފައިސާ އެކި މީހުންނަށް ދީގެން އަޙްމަދު އަދީބު ކުށުން ބަރިއްޔަވުމަށްޓައި ހިންގާ ޕުރޮޕަގެންޑާއެއްކަމަށް އުމަރު ނަސީރުވަނީ ތުހުމަތުކުރައްވާފައެވެ.

އުމަރު ވިދާޅުވީ ސިޔާސީ ކުށްވެރިންކަމަށް ޤަބޫލުކުރެވޭ ނުވަތަ ސިޔާސީ ޙުކުމްކުރިކަމަށް މި ސަރުކާރަށް ބެލެވޭ މީހުން ދޫކުރި ނަމަވެސް، އަޙްމަދު އަދީބަކީ ކްރިމިނަލްއެއްކަމަށާއި، އެފަދަ މީހަކު އެއްވެސް ސަރުކާރަކުން ދޫނުކުރައްވާނެކަމަށެވެ.