ސިޔާސީ

އެމްޑީޕީގެ ޕްރައިމަރީ އިންތިޚާބު މި މަހު 18ވަނަ ދުވަހު


ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ފަރާތުން ޕްރައިމަރީގައި ވާދަކުރާ ކެނޑިޑޭޓުންނަށް ބާއްވާ އިންތިޚާބު މި މަހުގެ އަށާރަވާ ހުކުރުދުވަހު ބާއްވަން ނިންމައިފިއެވެ.

އެމްޑިޕީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އިންތިޚާބުގެ ކަންކަން ބެލުމަށް އެމްޑީޕީގެ ޗެއާޕާސަން ކަނޑައަޅާފައިވާ މެންބަރުންގެ ތެރޭގައި ހިމެނޭ އިބްރާހީމް ވަޙީދު ވިދާޅުވީ، އެޕާޓީގެ އެތެރޭގައި ކުރިއަށްދާ މަޖިލިސް ޕްރައިމަރީ އިންތިހާބު ވެގެންދާނީ ދެފުށް ފެންނަ އަމާން އިންތިޚާބަކަށް ކަމަށެވެ.

އޭނާ ވިދާޅުވީ އިންތިޚާބުގެ ވޯޓުލުން ކުރިއަށްދާނީ ހުކުރުދުވަހުގެ މެންދުރުފަހު 2:30 އިން ރޭގަނޑު 8:00 އާ ހަމައަށް ކަމަށެވެ. އަދި ވޯޓުލާން ކަނޑައެޅިފައިވާ ވަގުތަށް ވޯޓުލައި ނުނިމޭނަމަ އިތުރު ވަގުތު ދެވޭނެ ކަމަށްވެސް ވަހީދު ވިދާޅުވިއެވެ.

އިބްރާހީމް ވަޙީދު ވިދާޅުވީ، ޕްރައިމަރީގައި ވޯޓުލުން ކުރިއަށްދާނީ ރަށްރަށުގައި ހުންނަ އެރަށެއްގެ އެމްޑީޕީ ހަރުގޭގައި ކަމަށެވެ. އަދި ހަރުގެ ނުހުންނަ ރަށްރަށުގައި އިޖުތިމާއީ މަރުކަޒު ފަދަ ތަނެއް ހަމަޖައްސައި ވޯޓް ފޮށި ބަހައްޓާނެ ކަމަށް ވަހީދު ވިދާޅުވިއެވެ.

"އެދުވަހު ބާއްވާ ޕްރައިމަރީގައި ކިއޫ ދިގުވެދާނެ. އެހެންވީމަ 300 މީހުންނަށްވުރެ ގިނައިން އެއް ފޮއްޓަކަށް ވޯޓުލާން ރަޖިސްޓްރީވެފައިވާނަމަ އެތަނުގައި އިތުރު ޑެސްކް ބަހައްޓައިގެން ވޯޓް ލެވޭނެ އިންތިޒާމްވެސް ހަމަޖައްސާނެ."

ވަހީދު ވިދާޅުވިއެވެ.

އެމްޑީޕީން ވަނީ މިފަހަރުގެ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި އަށްޑިހަ ހަތް ދާއިރާއަށް ވާދަކުރަން ނިންމާފައެވެ. އަދި އެދާއިރާތަކަށް ކުރިމަތިލާން ހުޅުވާލުމުން އަށްޑިހަ ހަ ދާއިރާއަކަށް ދުއިސައްތަ އަށްޑިހަ މީހަކުވަނީ ކުރިމަތިލާފައެވެ. އޭގެ ތެރެއިން ނުވަ ދާއިރާއަކަށް އެންމެ މީހަކު ކުރިމަތިލާފައި ވާތީ ޕްރައިމަރީއަކާއި ނުލައި އެ 9 މީހުންނަށް އެދާއިރާތަކުގެ ޓިކެޓް ވަނީ ލިބިފައެވެ. އެހެންކަމުން ބާކީ އޮތް ހަތްދިހަ ހަތް ދާއިރާއަށް މިމަހުގެ އަށާރަވަނަ ދުވަހު ވޯޓްލުން އޮންނާނެއެވެ. އަދި ފ.ނިލަންދޫ ދާއިރާއަށް އެޕާޓީން ކެނޑިޑޭޓަކު ނުނެރޭނެކަމަށްވެސް ވަނީ ބުނެފައެވެ.