ވިޔަފާރި

ނޯތު ހާބަރުގައި ހުންނަ ނޯތު ޕޯޓް ކެފޭ ބީލަމަށް ލަނީ


އެމްޕީއެލްއިން ނޯތު ހާބަރުގައި ހަދާފައިވާ ނޯތު ޕޯޓް ކެފޭ ބީލަމަށްލުމަށް މަސައްކަތްކުރަމުންދާކަމަށް އެމްޕީއެލްއިން ބުނެފިއެވިވެ.

އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ އެމްޕީއެލް ކަހަލަ ކުންފުންޏަކުން ކެފޭއެއް ހިންގުމަކީ ޤަބޫލުކުރެވޭކަމެއް ނޫންކަމަށެވެ. ނަމަވެސް ކުރީގެ މެނޭޖްމަންޓުން އެކަން އެގޮތަށް ކޮށްފައިވާއިރު، އެކަމާ ގުޅޭގޮތުން ހަދާފައިވާ އެއްބަސްވުމުގައިވެސް މައްސަލަތަކެއް ހުރިކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި އެމްޕީއެލްގެ މިހާރުގެ ވިސްނުމަކީ ކެފޭ ބީލަމަށް ލައިގެން، ބަޔަކާ ޙަވާލުކުރުންކަމަށް ޝާޙިދު ވިދާޅުވިއެވެ.

"އެމްޕީއެލް ކަހަލަ ކުންފުންޏަކުން ކެފޭއެއް ހިންގުމަކީ އެހާ ރަނގަޅުކަމެއް ނޫން، އެކަމަކު އޭރުގެ މެނޭޖްމަންޓުން އެގޮތަށް ވިސްނައިގެން އެމަސައްކަތް ފެށީ، އެކަމާ ގުޅޭގޮތުން ހެދި އެއްބަސްވުމުގައި އެބަހުރި މައްސަލަތަކެއް، އަޅުގަނޑުމެން މިމަސައްކަތްކުރަނީ އެއްބަސްވުމުގައި ހުރި ޤާނޫނީ މައްސަލަތައް ބެލުމަށްފަހު، އެއްބަސްވުން އުވާލަން، އޭއަށްފަހު އެ ކެފޭ އާއްމުކޮށް ހުޅުވާލައިގެން ޓެންޑަރަށް ލާން" ޝާހިދު އަލީ ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ ކެފޭ ބަޔަކަށް ކުއްޔަށް ދިނުމުން އެމްޕީއެލްއަށް އަމްދަނީއެއް ލިބޭނެކަމަށާއި އަދި އެސަރަޙައްދު ބޭނުންކުރާ ފަރާތްތަކަށްވެސް ޚިދުމަތެއް ލިބިގެންދާނެކަމަށެވެ.

ނޯތު ހާބަރު ބަނދަރުގައި އެމްޕީއެލްގެ ކޯޕަރޭޓިވް ސޮސައިޓީން ކެފޭއެއް ހުޅުވީ 2016 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ 25 ވަނަ ދުވަހުއެވެ. މީގެ އިތުރުން އެސަރަޙައްދުގައި ފިހާރައަކާއި ޖޫގޯ ޕޮއިންޓެއްވެސް އެމްޕީއެލްގެ ކޯޕަރޭޓިވް ސޮސައިޓީން ހިންގިއެވެ.

އެމްޕީއެލްގެ ކޯޕަރޭޓިވް ސޮސައިޓީން ފުރަތަމަ ކެފޭ ހިންގަން ފެށުމަށްފަހު މަހަކު ހަތަރު ސަތޭކަ ހާހަށްވުރެ ބޮޑު ގެއްލުމެއް ކުރިމަތިވާކަމަށް ބުނެ، ކެފޭ ހިންގުން ހުއްޓާލިއެވެ. އަދި އޭގެފަހުން ބަޔަކާ ޙަވާލުކޮށްގެން ކެފޭ ހިންގުމަށްފަހު އަނެއްކާވެސް މައްސަލަތަކެއް ކުރިމަތިވެގެން ކެފޭ ހިންގުން ހުއްޓާލިއެވެ.