މިދިޔަ ހަފްތާ ބަންދުގައި ގދ.ތިނަދޫއަށް ކުރި ވިއްސާރައިގައި އެރަށުގެ 110 ގެއަކަށް ފެންވަދެ އެކިވަރުގެ ގެއްލުންތައް ވެފައިވާ ކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ތިނަދޫ ކައުންސިލްގެ ޒިންމާދާރު ވެރިޔާ، އަޙްމަދު ނާޝިދު ވިދާޅުވީ އެރަށަށް ކުރި ވިއްސާރާގައި ފެންބޮޑުވެ، ގޭގެއަށް ފެންވަނުމުގެ ސަބަބުން ގޭގޭގެ ފަރުނީޗަރަށާއި ހިފާގެންގުޅޭ ސާމާނަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާކަމަށެވެ. އަދި ބައެއް ގޭގޭގައި ދިރިނޫޅެވޭ ވަރަށް ގެއްލުންވެފައިވާއިރު، ފިހާރަތަކަށްވެސް ފެންވަދެ ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މިވިއްސާރާގައި އިތުރުގޭގެއަށް ފެން ވަނަނުދިނުމަށްޓަކައި ވެލި ބަސްތާ ޖެހުމާއި ވެލިއެޅުން ފަދަ ކަންކަމުގައި ތިނަދޫ ކައުންސިލާއި ޢާއްމުރައްޔިތުން ވަނީ އެހީތެރިވެދީފައެވެ. ހުކުރު ދުވަހު ކުރި ވިއްސާރާގައި ރަށުގައި ބޮޑުވި ފެންގަނޑު ހިންދުމުގެ މަސައްކަތް ކުރުމުގައި ސިފައިންވަނީ ޙަރަކާތްތެވިވެފައެވެ.
ތިނަދޫގެ ގެތަކަށް ލިބުނު ގެއްލުންތައް އެސެސް ކުރުމަށްޓަކައި މިއަދު އެރަށުގައި ހިމެނޭ ސަރުކާރުގެ ހުރިހައި މުއައްސަސާތައް ގުޅިގެން ވަނީ ގޭގެއަށް ޒިޔާރަތްކޮށް މަޢުލޫމާތު ނަގާފައެވެ. މިއަދު ނެގި ފައިނަލް އެސެސްމެންޓު ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓު ސެންޓަރަށް ފޮނުވާނެ ކަމަށާ އުއްމީދަކީ ގެއްލުންވި ފަރާތްތަކަށް ސަރުކާރުގެ އެހީ ލިބިގެން ދިއުންކަމަށް ނާޝިދު ވިދާޅުވިއެވެ.
މިކަމާ ގުޅޭގޮތުން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ ޕްރޮޖެކްޓް ޑިރެކްޓަރ، ހިސާން ހަސަން ވިދާޅުވީ ތިނަދުއަށް ދިމާވި ފެންބޮޑުވުމުގެ ޤުދުރަތީ ކާރިޘާ ހިނގި ހިސާބުން ފެށިގެން އެސެންޓަރުގެ ޓީމަކުން އެ ރަށުގެ ޙާލަތު ބަލައި މޮނިޓަރ ކުރަމުން ދިޔަ ކަމަށެވެ. އަދި މާލެއެކޭވެސް އެއްފަދައިން އެރަށުގެ ކަންކަންވެސް ހަމަ ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ. އެގޮތުން ވިއްސާރާގައި ގެއްލުންވި ފަރާތްތަކުގެ ހާލަތު ސިފައިންގެ ސަދަން އޭރިއާ ކޮމާންޑު މެދުވެރިކޮށްވެސް ބަލަމުން އައިކަމަށާއި، މިހާރުވެސް އެރަށު ކައުންސިލާ ގުޅިގެން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
އަދި އެ ކައުންސިލާއި އެރަށުގެ މުވައްސަސާތައް ގުޅިގެން ކުރިއަށް ގެންދިޔަ އެސެސްމަންޓުގެ ރިޕޯޓު އެ އޮތޯރިޓީއަށް ލިބުމުން ލިބިފައިވާ ގެއްލުންތައް ވަޒަން ކުރުމަށްފަހު، އެހީ ބޭނުންވާ ފަރާތްތަކަށް އެހީ ފޯރުކޮށްދޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި ވިއްސާރަ ދުވަސްތަކުގައި އެންމެ ބޮޑަށް ފެންބޮޑުވާ ރަށްތަކުގެ ލިސްޓުގައި ތިނަދޫ ހިމެނިފައިވާއިރު، އެރަށަށް ދިމާވާ އެފަދަ ކާރިޘާތަކުގައި ތަފާތުކުރުން އިސްކުރުމުގެ އެއްވެސް ސަބަބެއް ނެތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.