ޚަބަރު

ތަރިކަ ރައްކާތެރިކުރުމުގައި އިސްލާމްދީނަށް އުނިކަން އަންނަކަމެއް ނުކުރާނަށް - ހެރިޓޭޖް މިނިސްޓްރީ


ދިވެހިންގެ ދީނީ އަދި ޤައުމީ ތަރިކަ ރައްކާތެރިކުރުމުގައި އިސްލާމް ދީނަށް އުނިކަން އަންނަފަދަ އެއްވެސްކަމެއް ނުކުރައްވާނެކަމަށް މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖުން ވިދާޅުވެއްޖެއެވެ.

ކަޅުވަކަރު މިސްކިތް އަލުން ބަހައްޓާނެތަނަކާމެދު އުފެދިގެން އުޅޭ ޚިޔާލުތަފާތުވުންތަކާ ގުޅޭގޮތުން ޕީ.އެސް.އެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ސްޓޭޓް ފޮރ އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް މުޙައްމަދު ޠާރިޤު ވިދާޅުވީ، ކަޅުވަކަރު މިސްކިތް މާލޭ ސަލްޓަންޕާކުގައި ބެހެއްޓުމަށް ނިންމީ އާޓްސް އެންޑް ކަލްޗަރ މިނިސްޓަރު ނުވަތަ އެމިނިސްޓްރީން އެގޮތަށް ބޭނުންވެގެން ނޫންކަމަށެވެ. އެގޮތަށް ނިންމީ ރައްޔިތުންނާއެކު ފޯރަމެއް ބާއްވައި ލިބުނު މަޝްވަރާތަކާއި ޚިޔާލުތަކުގެ އަލީގައި ކަމަށް އޭނާ ވިދާޅުވިއެވެ. ކުރިން ދިރާގު ހުރި ތަނުގެ ވީހާވެސް އެތެރޭގައި މިސްކިތް ބަހައްޓަން ނިންމީ މިނިސްޓްރީން ވަރަށް ގިނަ ކަންކަމަށް ރިއާޔަތްކުރުމަށްފަހުކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ބޮޑަށް ބޭނުންވީ ސަލްޓަންޕާކު ސަރަހައްދުގައި ހުންނަކަމަށްވަންޏާ، އުސްގެކޮޅާއި، ދާރުލްއާސާރާއި މިތަންތަނާއި ގުޅިގެންދާ ހެރިޓޭޖް ސައިޓެއްގެ ގޮތުގައި އެތަން ފެނިގެންދިއުން. އޭރުން ނުހުންނާނެ، ދާރުލްއާސަރާާއި، ދޭތެރޭގައިވެސް ފާރެއް ނުހުންނާނެ، ހަމަހަމަކޮށް އޮންނާނީ. ސަލްޓަންޕާކުތެރެއިންވެސް ރީތިކޮށްއައިސް ވަދެވޭގޮތަށް އެފާރެއްވެސް ނުހުންނާނެ. ހަމައެހެންމެ އެމިސްކިތައް އަރާއިރު ވުޟޫކުރަން އިސްކުރުބަރިއެއްވެސް ނުހުންނާނެ. ފާޚާނާއެއްވެސް އެތާނު ނުހުންނާނެ އެތާހުންނާއީ ރީތިކޮށް ވަޅެއް ބަހައްޓާފައި އެވަޅުން ހަމަ ދާނިން ވުޟޫކޮށްލައިގެން އަރާ ނަމާދުކޮށްލަން ބޭނުންވާ މީހަކަށް އެކަންކުރެވޭގޮތަށް އަޅުގަނޑުމެންގެ ވިސްނުންހުރީ" ޠާރިޤު ވިދާޅުވިއެވެ.

ކަޅުވަކަރު މިސްކިތް ބަހައްޓަން ޖެހޭނީ ސަލްޓަންޕާކުގެ ވަކިތަނެއްގައިކަމަށް ގަދައަޅައި ބުނަން އެމިނިސްޓްރީން ބޭނުންނުވާކަމަށާ، ރާއްޖޭގެ އިސްލާމީ ޝަޚްސިއްޔަތު ދައްކައިދޭ މިފަދަ އާސާރީ ބިނާއެއް އެސަރަޙައްސުގައި ހުރުމަކީ މުހިއްމުކަމެއްކަން ބައެއް ދީނީ އިލްމުވެރިންނާ ވާހަކަދައްކާލުމުން ވެސް ފާހަގަަކުރެވިފައިވާކަމަށް ޠާރިޤު ވިދާޅުވިއެވެ.

"އަޅުގަނޑުމެން މީގައި ގޮތެއް ނުނިންމާނަން. ދެން އަޅުގަނޑުމެންގެ މިނިސްޓަރުގެ މައިގަނޑު ވިސްނުމަކީ، އަޅުގަނޑުމެންނަކީ އެއްވެސްކަމެއްގައި، ދީނީ ކަމަކަށް ގޮންޖަހާފައި އެއްވެސްކަމެއް ކުރާނެބައެއް ނޫނޭ. އަޅުގަނޑުމެން ނުކުރާނަން އެގޮތަކަށް. އަޅުގަނޑުމެން ކަންކުރާނީ ރަނގަޅުމަގުންގޮސް މަޝްވަރާގެ އުސޫލުން ނިމޭގޮތަށް އެކަންކުރާނީ. އަޅުގަނޑުމެނެއް ގަދަ ހަދައިގެން އެއްވެސްކަމެއް ކުރުމުގެ ވިސްނުމެއް ނެތް" ޠާރިޤު ވިދާޅުވިއެވެ.

ބަލަންޖެހޭވަރަށް ނުބަލައި ޤާނޫނާއި ޚިލާފަށް ކަޅުވަކަރު މިސްކިތް ހުރިތަނުން ނެގުމަކީ ޤައުމަށް ވެވުނު ވަރަށް ބޮޑު ޚިޔާނާތެއްގެގޮތުގައި ސިފަކުރައްވަމުން ސްޓޭޓް މިނިސްޓަރ މުޙައްމަދު ޠާރިޤު ވިދާޅުވީ، މިސަރުކާރުން އެމިސްކިތް މާލޭގައި ބަހައްޓަން ނިންމުމާއެކު އެކަމަށް އެހީތެރިވުމަށް ގިނަ ޢަދަދެއްގެ ބަޔަކު ޝައުޤުވެރިކަން ފާޅުކުރަމުންދާކަމަށެވެ.

ސަރުކާރު ބަދަލުވެ މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖުގެ ބެލުމުގެ ދަށުން ކުރެވުނު މަސައްކަތުން މިއަދު މިސްކިތް އަލުން ބެހެއްޓޭ ހިސާބަށް ގެނެވިފައިވާކަމަށާއި، ކުރިއަށްވުރެވެސް ރީތިކޮށް ޤަދަރުވެރިގޮތެއްގައި ކަޅުވަކަރު މިސްކިތް ކުރިއަށްއޮތްތަނުގައި މާލޭގައި ބަހައްޓާނެކަމަށް މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖުން ވަނީ ކުރިންވެސް ވިދާޅުވެފައެވެ.