ކުޅިވަރު

އަންހެން ލީގްގައި 4 ޓީމް ވާދަކުރާނެ - ވީއޭއެމް


އަލަށް ތަޢާރަފް ކުރި ވީއޭއެމް އަންހެން އެސޯސިއޭޝަން ލީގްގައި މިފަހަރު 4 ޓީމް ބައިވެރިވެފައިވާކަމަށް ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބުނެފިއެވެ.
މިމަހުގެ ފަހު ކޮޅުގައި ފެށުމަށް ހަމަޖެހިފައިވާ އެސޯސިއޭޝަން ލީގްގައި ބައިވެރިވެފައިވަނީ ޕޮލިސް ކުލަބް، ވެމްކޯ، މަލްސަން ސްޕޯޓްސް ކުލަބް އަދި ޒެނިތް ސްޕޯޓްސް ކުލަބެވެ. އެސޯސިއޭޝަން ލީގް ކުރިއަށްދާނީ ލީގު ބުރެއް ކުޅުމަށް ކުޅުމަށްފަހު ތިން ސެމީ ފައިނަލް މެޗް ކުޅޭ ގޮތަށެވެ.
އެސޯސިއޭޝަންގެ ޖެނެރަލް ސެކެޓްރީ މުހައްމަދު ޝާފީ ވިދާޅުވީ މީގެ ކުރިން އަންހެން ކުޅުންތެރިނަށް ވާދަވެރި ގިނަ މެޗްތަކެއް ލިބިފައިނުވާތީ، އަލަށް ތަޢާރަފް ކުރެވުނު ލީގާއެކު އަންހެން ކުޅުންތެރިންނަށްވެސް ގިނަ މެޗްތަކެއް ކުޅުމުގެ ފުރުސަތު ލިބޭނެކަމަށެވެ. އަދި އެސޯސިއޭޝަން ލީގްގައި ބައިވެރިވުމުގެ މުއްދަތު ހަމަވެފައިވީނަމަވެސް، އިތުރު ޓީމްތަކަށްވެސް ފުރުސަތު ދިނުމަށް ހަމަޖެހިފައިވާކަމަށް ޝާފީ ވިދާޅުވިއެވެ. މިގޮތަށް ފުރުސަތު މިދެނީ އަލަށް ތަޢާރަފް ކުރެވުނު ލީގްއަކަށްވެފައި، ވީހާވެސް ގިނަ ޓީމްތަކަށް ފުރުސަތު ދިނުމުގެ ގޮތުންކަމަށް އެސޯސިއޭޝަނުން މައުލޫމާތުދެއެވެ،
އެސޯސިއޭޝަން ލީގަށްފަހު ދެން ކުޅުމަށް ހަމަޖެހިފައިވަނީ އެސޯސިއޭޝަން ކަޕެވެ. އެސޯސިއޭޝަން ކަޕަށް ކޮލިފައިވާނީ އެސޯސިއޭޝަން ލީގްގެ ގަދަ ގަތަރު ޓީމްކަމަށް ވީއޭއެމްއިން މަޢުލުމާތުދެއެވެ.
އެސޯސިއޭޝަން ކަޕް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދެ ލީގް ބުރު ކުޅޭ ގޮތަށެވެ. ދެ ބުރުން އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމްއަކަށް ޗެންޕިއަންކަން ލިބޭނެއެވެ.