ޚަބަރު

އަދީބުގެ ކުރީގެ ދެ ބޮޑީ ގާޑުން ގޭބަންދަށް ބަދަލުކޮށްފި


ރިޔާސީ ލޯންޗްކޮޅު ފިނިފެންމާގައި އެއްޗެއް ގޮއްވާލި މައްސަލައާ ގުޅިގެން ޖަލަށް ލާފައިވާ ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބުގެ ކުރީގެ ދެ ބޮޑީގާޑުން ގޭބަންދަށް ބަދަލުކޮށްފިއެވެ.

ސިފައިންގެ ވަޒީފާގައި ސްޓާފް ސާޖެންޓެއްގެ ގޮތުގައި މަސައްކަތްކުރި ހަސަން ރިކާޒާއި ކޯޕްރަލް އަޙްމަދު އާމިރުގެ މައްޗަށް ޓެރަރިޒަމްގެކުށް ސާބިތުވެ ޖަލަށް ލާފައިވަނީ 2016 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ.

ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބުގެ ދެ ބޮޑީގާޑުން މިއަދު ގޭބަންދަށް ބަދަލުކޮށްފައި ވަނީ ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲއަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުންނެވެ. މި ދެމީހުންގެ މައްޗަށް ދައުލަތުން ދަޢުވާ އުފުލާފައިވަނީ ރައީސް ޔާމީން ދަތުރުފުޅު ކުރެއްވުމަށް ފިނިފެންމާ ލޯންޗްކޮޅު ތައްޔާރުކޮށްފައި ވަނިކޮށް ކުރީގެ ނާއިބު ރައީސް އަދީބާއި ބައިވެރިވެގެން ބޮމެއް ހަރުކުރި މައްސަލައެވެ.

މި މައްސަލައާގުޅިގެން ރިކާޒާއި އާމިރުގެ މައްޗަށް ޓެރަރިޒަމްގެ ކުށް ސާބިތުވެ، 10 އަހަރަށް ޖަލަށް ލުމަށް ވަނީ ހުކުމް ކޮށްފައެވެ.