ޚަބަރު

ބާޠިލްކުރީ ރަޖަމްކުރުމަށް ކުރި ޙުކުމް، މައްސަލަ އަލުން ބަލަން ވަނީ އަންގާފައި - ޑީޖޭއޭ


ޒިނޭގެ މައްސަލައަކާއި ގުޅިގެން އަންހެނަކު ރަޖަމް ކުރަން ފާދިއްޕޮޅު ނައިފަރު މެޖިސްޓްރޭޓް ކޯޓުން ކުރި ޙުކުމް ސުޕްރީމް ކޯޓުން ބާޠިލް ކުރި ނަމަވެސް އެ މައްސަލަ ބާޠިލް ނުކުރައްވާކަމަށާ، މައްސަލަ ދަށުކޯޓުގައި ކުރިއަށްދާނެކަމަށް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އިން ވިދާޅުވެއްޖެއެވެ.

ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޑިޕާޓްމަންޓުގެ ލީގަލް އޮފިސަރ ފައިސަލް އާދަމް ވިދާޅުވީ ޒިނޭގެ މައްސަލައަކާއި ގުޅިގެން އަންހެނަކު ރަޖަމް ކުރުމަށް ނައިފަރު މެޖިސްޓްރޭޓް ކޯޓުން ކުރި ޙުކުމް ބާޠިލް ކުރި ނަމަވެސް އެމައްސަލަ ބާޠިލްކޮށްފައި ނުވާ ކަމަށެވެ. އެ މައްސަލަ ކުރިއަށް ގެންދަން ޖެހޭގޮތް ސުޕްރީމް ކޯޓުން ނައިފަރު ކޯޓަށް އަންގަވާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"އެ މައްސަލައިގެ ދައުވާ ބާޠިލު ނުކުރައްވާ. ސުޕްރީމް ކޯޓުން ބާޠިލްކުރެއްވީ މައްސަލައިގެ ޙުކުމް. އެހެންވީމާ އަދިވެސް މިމައްސަލަ ކުރިއަށްދާނެ. އެއާއެކު މައްސަލަ ކުރިއަށް ގެންދަންވީ ގޮތްވަނީ ނައިފަރު މެޖިސްޓްރޭޓް ކޯޓަށް އަންގަވާފައި." ފައިސަލް ވިދާޅުވިއެވެ.

ނައިފަރު މެޖިސްޓްރޭޓް ކޯޓުން ކުރި ޙުކުމް ބާޠިލްކޮށް ސުޕްރީމް ކޯޓުން ނެރުއްވި އަމުރުގައި ވިދާޅުފައި ނައިފަރު އަންހެންމީހާގެ މައްޗަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުށަހަޅާފައިވާ ޒިނޭ ކުރުމުގެ ކުށުގެ ދައުވާގެ މައްސަލައިގައި ނައިފަރު މެޖިސްޓްރޭޓް ކޯޓުން ޝަރީޢަތް ހިންގައި ނިންމާފައި ވަނީ އެގަޒިއްޔާގެ ދައުވާގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ ފަރާތުން ޙަވާލާދީފައިވާ ޖިންސީ ކުށުގެ ޤާނޫނުގެ 27ވަނަ މާއްދާއާ ޚިލާފަށް ކަމަށްވާތީ އެޙުކުމް ބާޠިލް ކޮށްފައިވާ ކަމަށެވެ.