ޚަބަރު

ޝަރުއީ ދާއިރާއާއި ފަނޑިޔާރުންނަށް ރައްޔިތުންގެ ފުރިހަމަ އިތުބާރު އެބައޮތް - ޑީޖޭއޭ


ރާއްޖޭގެ ޝަރުޢީ ނިޒާމާއި ޝަރުޢީ ކޯޓުތަކުގައި ތިއްބެވި ފަނޑިޔާރުންނަށް ރައްޔިތުންގެ ފުރިހަމަ އިތުބާރު އެބައޮތްކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އިން ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ޝަރުއީ ނިޒާމު ބޮއްސުންލާފައިވާ ކަމަށާއި ކޯޓުތަކުން އިންސާފު ނުލިބޭނެ ކަމުގެ ވާހަކަތަކުގެ އަޑުތައް ގަދަވެފައި ވަނިކޮށް، ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސުޕްރީމް ކޯޓުގެ ސެކްރެޓަރީ ޖެނެރަލް ޑރ.ހުސައިން ފާއިޒު ވިދާޅުވީ ޝަރުއީ ދާއިރާގައި ތިއްބެވި ބޭފުޅުންނަށް ދިވެހި ރައްޔިތުންގެ ފުރިހަމަ އިތުބާރު އޮތްކަމަށާއި، ޝަރުއީ ނިޒާމުގައި މައްސަލައެއް އުޅޭނަމަ، އެފަރާތްތަކުން އެކަމެއް ހައްލު ކުރައްވާނެ ކަމަށެވެ. އަދި ޝަރުއީ ދާއިރާގެ މުވައްޒަފަކު ނުވަތަ ޤާޟީއަކާމެދު ފިޔަވަޅުއަޅަން ޖެހިއްޖެނަމަ، ކަނޑައެޅިފައި އޮންނަ އުސޫލެއްގެ ދަށުން ފިޔަވަޅު އަޅުއްވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ޝަރުއީ ދާއިރާގައި ހުންނަ ކަންކަން އިސްލާހު ކުރައްވާނީ ޝަރުއީ ދާއިރާގެ ތެރެއިން. ޝަރުއީ ދާއިރާއާ ގުޅުންހުރި ވަރަށް ގިނަ ފަރާތްތަކެއްވޭ. އެ ހުރިހާ ފަރާތްތަކާ މަޝްވަރާ ކޮށްގެން ޝަރުއީ ދާއިރާއިން އިސްނަންގަވައިގެން ޝަރުއީ ދާއިރާގެ ތެރޭގައި ހުރި މައްސަލަތައް ހައްލުކުރާނީ. ޝަރުއީ ދާއިރާގެ އެއްވެސް މުވައްޒަފަކު އެއްވެސް ޣާޒީއެއްގެ ފަރާތުުން ކަމެއް ގޯސްކޮށް އުޅޭނަމަ އޮންނަ އުސޫލުގެ ތެރެއިން އެބޭފުޅަކާ ދޭތެރޭ ފިޔަވަޅު އަޅާނަން" ފާއިޒު ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ޑރ.ޢަބްދުﷲ ނަޒީރު ވިދާޅުވީ، ހުރިހައި މައްސަލައަކުން ބަރީއަވެ މުޖުތަމައުގައި އުޅޭ ހުރިހާ ރައްޔިތުންގެ ހިތްހަމަޖެހުމާއި ރުހުން ލިބިފައިވާ އެއްވެސް މުއައްސަސާއެއް ދުނިޔޭގެ އެއްވެސް ޤައުމެއްގައި ނޯންނާނެ ކަމަށާ، ތަހުޒީބު ޤައުމުތަކުގައިވެސް އެކިއެކި މުއައްސަސާތަކުގެ ބައެއް ކަންކަމާމެދު ސުވާލު އުފައްދައި ވާހަކަދެއްކުމަކީ ހިނގާކަމެއްކަމަށެވެ.

"އެއްވެސް މުޖުތަމަޢެއްގައި ހެދިފަ ހުންނަ މުއައްސަސާތަކަކީ ހުރިހާ ކަމަކުން ބަރީއަވެފައި ޢާންމު ރައްޔިތުންގެ ހުރިހާ އިތުބާރު ލިބިފަ އޮތް އެއްވެސް މުއައްސަސާއެއް ދުނިޔޭގެ އެއްވެސް ޤައުމެއްގައި ނޯންނާނެ. އެއީ ކުރެވޭނެ ކަމެއްވެސް ނޫން އިނގޭތޯ. އެންމެ ތަހުޒީބުވެ ކުރިއަރާފައި ހުންނަ ޤައުމުތަކުގައިވެސް އަބަދުވެސް އިވޭ އަޑަކީ މީހުން އުފައްދާ ސުވާލުތައް." ނަޒީރު ވިދާޅުވިއެވެ.

އެއް މައްސަލައެއްގައި ތަފާތު ހުކުމް އިއްވަނީ ކީތްވެގެންކަމާމެދު ނޫސްވެރިއަކު އުފެއްދި ސުވާލަކަށް ޖަވާބުދެއްވަމުން ޖުޑީޝަލް އެކަޑަމީގެ ޗާންސެލަރު އަޙްމަދު މާޖިދު ވިދާޅުވީ ކޯޓުތަކުން ނިންމާ ނިންމުންތަކަކީ ވަރަށް ގިނަ ކަންކަމަށް ރިޢާޔަތްކޮށް ނިންމާ މައްސަލަތަކެއް ކަމަށާ، ހެކިތަކާ ގަރީނާތަކަށް ބެލުމަށްފަހު މައްސަލައެއް ނިންމާއިރު، ދަށު ކޯޓުގެ ނިންމުންތައް މަތީ ކޯޓުތަކުން އަލުން ބަލާއިރު ތަފާތުވެދާނެ ކަމަށެވެ. އަދި އެއީ އާދަޔާ ޚިލާފް ކަމެއްވެސް ނޫން ކަމަށް މާޖިދު ވިދާޅުވިއެވެ.

ރާއްޖޭގެ ޝަރުއީ ނިޒާމާއި ޝަރުޢީ ކޯޓުތަކުގައި ތިއްބެވި ފަނޑިޔާރުންނާމެދު ރައްޔިތުންގެ ހިތްތަކުގައި ފުރިހަމައަށް އިތުބާރު އޮތްކަމަށް ޑީޖޭއޭއިން ވިދާޅުވިއިރު، ރާއްޖޭގެ ޝަރުއީ ނިޒާމުގައި ބޮޑެތި މައްސަލަތައް ހުރިކަމުގެ ވާހަކަތައް ދަނީ ދެކެވެމުންނެވެ. އަދި ފަނޑިޔާރުންގެ ނިންމުންތަކާމެދު ބޮޑެތި ތުހުމަތުތައްކޮށް ސުވާލު އުފެދޭ އެތައްކަމެއް ޢާއްމުރައްޔިތުން ފާހަގަކުރެއެވެ.