ޚަބަރު

ދާއިމީ އެޑްރެސް ބަދަލުކުރާނަމަ މިމަހުގެ 15ގެ ކުރިން އެކަންކުރޭ - އީސީ


ރައްޔިތުންގެ މަޖިލިސް އިންތިޚާބާ ދިމާކޮށް ދާއިމީ އެޑްރެސް ބަދަލުކުރަން ބޭނުންވާ ފަރާތްތަކުން މިމަހުގެ ފަނަރަވަނަ ދުވަހުގެ ކުރިން އެކަން ކޮށް ނިންމުމަށް އިލެކްޝަންސް ކޮމިޝަނުން އިލްތިމާސްކުރައްވައިފިއެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފު ވިދާޅުވީ، އަންނަ އޭޕްރީމް މަހުގެ 6ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ވޯޓާސް ލިސްޓް މިމަހުގެ 20ވަނަ ދުވަހު ޢާންމުކުރުމަށް އެކޮމިޝަނުން މަސައްކަތްކުރަމުން އަންކަމަށާ، އެމުއްދަތުގައި ވޯޓާސް ލިސްޓު އިޢުލާންކުރާއިރު، މާލެއާއި ރަށްރަށުގައި ރަޖިސްޓްރީ ވެފައިވާ އެޑްރެސް ބަދަލުކުރުމަށް ބައެއް ފަރާތްތަކުން އެދިފައިވާކަމަށެވެ.

ޝަރީފު ވިދާޅުވީ ވޯޓާސް ލިސްޓް ޢާންމުކުރުމަށްފަހު އެލިސްޓުގައިވާ އެޑްރެސް ބަދަލުކުރުމަކީ ޤާނޫނީ ގޮތުން ކުރެވޭނެކަމެއް ނޫންކަމަށާއި، މިކަމާ ގުޅިގެން ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަނާއި، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ އިތުރުން ސިޓީ ކައުންސިލްތަކާއެކު މަޝްވަރާކޮށް ރަޖިސްޓްރީ ބަދަލުކުރެވޭނެ އެންމެ ފަހު ތާރީޚަކީ މިމަހުގެ 15 ވަނަ ދުވަސްކަމުގައި ނިންމާފައިވާކަމަށެވެ.

"ވޯޓަރސް ލިސްޓްގެ އަސްލު ލިސްޓެއްގެ ގޮތުގައި އަޅުގަނޑުމެން ނަގާނީ އައިޑީކާޑް ޔުނިޓުގައި މިހާރު ރަޖިސްޓްރީ ވެފައިވާތަން، އެގޮތުން 15 ޖެނުއަރީގެ ނިޔަލަށް ރަޖިސްޓްރީ ބަދަލުކުރަން ބޭނުންފުޅުވާ ފަރާތްތަކަށް ރަޖިސްޓްރީކޮށް ނިންމުމަށް އަތޮޅުތަކަށާއި، އަދި ސިޓީ ކައުންސިލްތަކަށް އަޅުގަނޑުމެން ވާނީ ސިޓީއަކުން ދަންނަވާފައި. އަދި އެމަސައްކަތްތައް ކުރިއަށްދާކަމުގެ މައުލޫމާތުވެސް ވަނީ ލިބިފައި"

ޝަރީފް ވިދާޅުވިއެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ރަށްވެހިވެފައިވާ ރަށް ނޫން އެހެންތަނެއްގައި ރަޖިސްޓްރީ ކުރުން ނުވަތަ ރީރަޖިސްޓްރީ ކުރަން ޖެހޭނީ ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ވޯޓުލާން ރަޖިސްޓްރީ ކުރިތަން ނޫން އެހެން ތަނެއްގައި ވޯޓުލާނަމަ އެކަނިކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.
އިލެކްޝަންސް ކޮމިޝަނުން މީޑިއާތަކާ ޙިއްސާކޮށްފައިވާ މަޖިލިސް އިންތިޚާބުގެ ކަލަންޑަރުގައިވާ ގޮތުން ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލާނީ އަންނަފެބްރުއަރީ މަހުގެ 23 ވަނަ ދުވަހުގައެވެ.