ޚަބަރު

ޕީ.އެން.ސީ އުފެއްދުމަށް ބައެއް މީހުންގެ ނަމުގައި ހުއްދަނެތި ފޯމް ހުށަހަޅާފައިވާކަމުގެ ޝަކުވާ ދަނީ ލިބެމުން- އީސީ


ބައެއް މީހުންގެ ހުއްދަނެތި އެމީހުންގެ ނަމުގައި ޕީޕަލްސް ނެޝަނަލް ކޮންގްރެސް، ޕީ.އެން.ސީ ރަޖިސްޓްރީ ކުރުމަށް ފޯމު ހުށައަޅާފައިވާކަމުގެ ޝަކުވާތަކެއް ލިބެމުންދާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަން ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕާޓީތައް ރަޖިސްޓްރީ ކުރުމުގެ ކަންކަން ގޮސްފައިވާ ހިސާބާއިގުޅޭގޮތުން، ޕީ.އެސް.އެމް ނިއުސްއިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އެކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފު ވިދާޅުވީ ޕީ.އެންސީ ރަޖިސްޓްރީ ކުރަން ހުށައެޅި ފޯމްތަކާ ގުޅޭގޮތުން އާންމު ފަރާތްތަކުން ޝަކުވާ ހުށައަޅަމުންދާކަމަށާ، ފޯމްތައް ވެރިފައިކުރާ އިރު އެކަން ބަލާނެކަމަށެވެ.

"ޕީ.އެންސީގެ ފޯމުތައް ހުށައެޅުމާއި އެކީގައި ވަރަށް ބައިވަރު ފޯން ކޯލްއާއި، ބައިވަރު ޝަކުވާތައް، ތަފާތު ލިއުމުގެ ޒަރީޔާއިން އިލެކްޝަންސް ކޮމިޝަނަށް ހުށައެޅެމުން އެބަދޭ. ބައެއް ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި އެބޭފުޅުންގެ ހުއްދައެއް ނެތި އަދި އެބޭފުޅުންގެ އެއްވެސް ކަހަލަ ކޮންސެންޓްނެތި އެބޭފުޅުންގެ ނަމުގައި ފޯމުތައް ފުރައިގެން ލާފައިވާކަމަށް، އެމީހުންގެ ނަން އޭގެތެރޭގައި އޮތްތޯ ނެތްތޯ ޗެކްކޮއްލަދޭން، ޓެކްސްޓުންނާއި ފޯނުން އަދި ލިޔުމުން އަޅުގަނޑުމެންނަށް ހުށައެޅެމުން އެބަދޭ" އިލެކްޝަންސް ކޮމިޝަނުގެ ރައީސް ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރައީސް ވިދާޅުވީ ޕީ.އެން.ސީ އާއި ގުޅޭގޮތުން ހުށައެޅެމުންދާ ޝަކުވާތަކާ ގުޅިގެން، އެ ޕާޓީން ހުށަހެޅި ފޯމުތައް އިތުރަށްބަލައި ވެރިފައިކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށެވެ.

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އުފައްދަވާ، ޕީޕަލްސް ނެނަލް ކޮންގްރެސް ޕާޓީ ރަޖިސްޓްރީ ކުރުމަށް އިއްޔެވަނީ އިލެކްޝަންސް ކޮމިޝަނަށް 4000 ފޯމު ހުށައަޅާފައެވެ. ޕީ.އެން.ސީ އުފެއްދުމުގެ މަސައްކަތުގައި އިސްކޮށް އުޅުއްވާ ޕީޕީއެމްގެ ކުރީގެ ނާއިބު ރައީސް، ފޮނަދޫ ދާއިރާގެ މެންބަރު ޢަބްދުއްރަހީމް ޢަބްދުﷲ ވިދާޅުވީ، ޕާޓީ އުފެއްދުމަށް ބޭނުންވާ އަދަދަށްވުރެ އިތުރަށް އިލެކްޝަނަށް ފޯމު ހުށަހަޅާފައިވަނީ ރައީސް ޔާމީނަށް ތާޢީދުކުރާ ވަރަށް ގިނަބައެއްގެ ތާޢީދާއެކު އެފަރާތްތަކުގެ އެއްބާރުލުން ވަރަށް ބޮޑަށް ލިބިގެންކަމަށެވެ. އަދި ޕާޓީ ރަޖިސްޓްރީ ކުރުމަށް 4000 ފޯމް ހުށަހެޅިނަމަވެސް އެޕާޓީއަށް 6000 މީހުން މިހާރު ސޮއިކޮށްފައިވާ ކަމަށްވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.