ޚަބަރު

ޗައިނާއާއެކު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް ފުރިހަމަ އެއްބާރުލުން ލިބޭނެ- ރައީސް ޞާލިހް


ރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ޚާރިޖީ ގުޅުން އިތުރަށް ބަދަހިކުރުމަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ޗައިނާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ޖަންގް ލީ ޖޮންގް އާއެކު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ޗައިނާގެ ކުންފުނިތަކުން ރާއްޖޭގައި ކުރިއަށް ގެންދާ މަޝްރޫއުތަކާ ގުޅޭގޮތުންވެސް މަޝްވަރާކުރައްވާފައެވެ. އަދި ރައީސް ޞާލިހް ވަނީ ދެ ޤައުމުގެ ދެމެދުގައި އޮތް ޚާރިޖީ ގުޅުން ބަދަހިކުރުމަށް ޗައިނާއިން ދެއްވާ އެއްބާރުލެއްވުން ފާހަގަކުރައްވާ، ބައިނަލްއަޤްވާމީ މަޝްރަހުގައި ދެ ޤައުމަށް ފައިދާވާފަދަ ކަންކަން ކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ޞާލިހް ވަނީ ދެ ޤައުމުގެ ދެމެދުގައިވާ ޚާރިޖީ ގުޅުން އިތުރަށް ބަދަހިކުރުމަށް އެމަނިކުފާނުގެ ސަރުކާރުން ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ރައީސް ޞާލިހް ވަނީ ޗައިނާ ސަރުކާރުގެ ފަރާތުން ރާއްޖެއަށް އިޖުތިމާޢީ ގޮތުންނާއި އިޤްތިޞާދީ ގޮތުން ވެދެއްވާ އެހީތެރިކަމަށް ޓަކައި ޝުކުރުއަދާކުރައްވާފައެވެ. އަދި ޗައިނާގެ ފަތުރުވެރިން ރާއްޖެއަށް ގެނައުމަށް އެއްބާރުލުން ދެއްވުމަށްވެސް ރައީސް ވަނީ އެދިވަޑައިގަންނަވާފައެވެ.

މިއަދުގެ ބައްދަލުކުރެއްވުން ނިންމަވާލައްވަމުން، ޗައިނާ ސަފީރު ވަނީ އެޤައުމުގެ ސަރުކާރާއި ރައްޔިތުންގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް ހެޔޮއެދުންތައް ދަންނަވާފައެވެ. އަދި ޗައިނާގެ ސަފީރު ވަނީ ރާއްޖެއާ ޗައިނާއާ ދެމެދު އޮތް ޚާރިޖީ ގުޅުން އިތުރަށް ބަދަހިކުރުމަށް އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަންވެސް ދެއްވާފައެވެ.