ޚަބަރު

ބިކޯކާ ޔުނިވާސިޓީގެ އައުޓްޕޯސްޓް ހިންގުމަށް ވާންޖެހޭ ތައްޔާރީތައް ވާންފަށައިފި


ރާއްޖޭގައި ބިކޯކާ ޔުނިވަރސިޓީގެ އައުޓްޕޯސްޓެއް ހިންގުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ވަމުންދާކަމަށް މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހިމް ޙަސަން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހީމް ޙަސަން ވިދާޅުވީ އިޓަލީގެ ޔުނިވަރސިޓީ އޮފް މިލާނޯ-ބިކޯކާގެ އައުޓް-ޕޯސްޓެއް ރާއްޖޭގައި ހިންގުމުގެ މަސައްކަތް ކުރަމުންދާއިރު ދާދިފަހުން، ބިކޯކާ ޔުނިވަރސިޓީއާއި ފޮރިން މިނިސްޓްރީއާ ދެމެދު އެއްބަސް ވުމެއްގައި ސޮއިކޮށްފައިވާކަމަށެވެ. އަދި މިއީ ކުރިން ވެފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވެފައިވުމާއެކު އަލުން އެ އެއްބަސްވުން އާކޮށް ޔުނިވަރސިީގެ އައުޓް-ޕޯސްޓް ހިންގުމަށް ކުރެވުނު މުހިއްމު މަސައްކަތެއްކަމަށެވެ. އަދި އެ ޔުނިވަރސިޓީ، ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގައި ރަޖިސްޓަރ ކޮށްފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖޭގައި ބިކޯކާ ޔުނިވަރސިޓީގެ އައުޓް-ޕޯސްޓެއް ޤާއިމްކުރުމަކީ ރައީސުލްޖުމުހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހު ކުރުމަށް ހަމަޖެހިފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އަދި މިއީ ސަރުކާރުގެ ފުރަތަމަ 60 ދުވަހު ކުރުމަށް ކަނޑައަޅާފައިވާ ކަންތައްތަކުގެ ތެރޭގައިވެސް ހިމެނޭ ކަމެކެވެ.

މީގެ ކުރިން 2011 ވަނަ އަހަރުވެސް އިޓަލީގެ ޔުނިވަރސިޓީ އޮފް މިލާނޯ-ބިކޯކާގެ އައުޓް ޕޯސްޓެއް ފ.މަގޫދޫގައި ޤާއިމްކުރުމުގެ މަސައްކަތް ސަރުކާރުން ކޮށްފައިވެއެވެ.