ޚަބަރު

ކެންޑިޑޭޓުންގެ ނަންތައް ދިރާސާ ކުރުމަށް ޖޭޕީން ހަތް މެމްބަރުންގެ ކޮމެޓީއެއް އެކުލަވާލައިފި


ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި މަޖިލިސް އިންތިޚާބުގައި ވާދަކުރުމަށް ޝައުގުވެރިކަން ފާޅުކުރި ފަރާތްތަކުގެ ހުށަހެޅުންތައް ދިރާސާ ކުރުމަށް ހަތް މެމްބަރުންގެ ކޮމެޓީއެއް އެކުލަވާލައިފިއެވެ.

ޖޭޕީގެ ޓިކެޓްގައި މަޖިލީހަށް ވާދަކުރަން ޝައުގުވެރިކަން ފާޅުކުރި ފަރާތްތަކުގެ ހުށަހެޅުންތައް ދިރާސާ ކުރާނެ ކޮމިޓީއެއް އެކުލަވާލީ ރޭ ބޭއްވި އެޕާޓީގެ ކައުންސިލް ބައްދަލުވުމުގައެވެ. ޖުމްލަ 7މެމްބަރުން ހިމެނޭ ގޮތަށް ޖޭޕީން އެކުލަވައިލި ކޮމިޓީގެ ރައީސަކަށް އެޕާޓީގެ ރައީސް އަދި ޓޫރިޒަމް މިނިސްޓަރު ޢަލީ ވަހީދު އައްޔަން ކުރެއްވިއިރު، ނާއިބު ރައީސަށް ހަމަޖައްސާފައި ވަނީ އެ ޕާޓީގެ ކައުންސިލް މެމްބަރު އަޙްމަދު ޢުމަރެވެ.

ޖޭޕީން ބުނީ މަޖިލިސް އިންތިޚާބުގައި އެޕާޓީން ވާދަކުރާނެ ދާއިރާތައް ކަނޑައަޅާނީ އެކަމަށް ޝައުގެ ވެރިކަން ފާޅުކުރި ފަރާތްތަކުގެ ހުށަހެޅުންތައް ދިރާސާ ކުރުމަށްފަހު ކަމަށެވެ. ޖުމްހޫރީ ޕާޓީން ބުނީ މަޖިލިސް އިންތިޚާބުގައި އެޕާޓީގެ ޓިކެޓުގައި ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް މި މަހުގެ 25ވަނަ ދުވަހުގެ ނިޔަލަށް އެ ފުރުޞަތު ހުޅުވާލާފައިވާ ކަމަށެވެ.

ރޭ ބޭއްވި ރަސްމިއްޔާތެއްގައި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ކުރީގެ ރައީސް މާނިއު މުހައްމަދާއި ތަޢުލީމީ ދާއިރާގައި ޚިދުމަތް ކުރެއްވި ޑރ.އާމާލް އަލީ ވަނީ އެޕާޓީއާ ގުޅިފައެވެ. އަދި އިތުރު 100 މީހުންގެ ފޯމާއެކު އެޕާޓީއާ ގުޅުނު ހުރިހައި އެއްމެންގެ ފޯމް ތަކާއި ހަވާލުވެ ވަޑައިގެންނެވީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމެވެ.