ޚަބަރު

ދެން ރާއްޖޭގައި ބޮޑު މުޒާހަރާއެއް ކުރާނީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅަށް - ޢުމަރު


ރާއްޖޭގައި ދެން އެންމެ ބޮޑު މުޒާހަރާއެއް ކުރާތަން ފެންނާނީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅަށްކަމަށް ކުރީގެ ހޯމް މިނިސްޓަރު ޢުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އިންޑިއާއިން ހަދިޔާކޮށްފައިވާ ދެ ހެލިކޮޕްޓަރު ރާއްޖޭގައި އުދުހެނީ ސަރުކާރުގެ ކޮންޓްރޯލު އޮވެގެން ކަމަށް، ލިޔެފައިވާ ޚަބަރަކާއެކު އުމަރު އެފްބީގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެއީ ކަނޑައެޅިގެން އިތުރުފުޅެއް ކަމަށެވެ.

"މި ހެލިކޮޕްޓަރު ރާއްޖެއަށް ގެނެވުނު ފަހުން ރާއްޖޭގައި ޑިފެންސް މިނިސްޓަރުކަން ކުރެއްވި ތިން ބޭފުޅަކާ އަޅުގަނޑު ސުވާލުކުރިން. އެބޭފުޅުން ވިދާޅުވީ މިއުޅަނދުތައް އުދުހެނީ އިންޑިއާގެ ދިއްލީން ދޭއޯޑަރަކަށް ކަމަށް. އެމްއެންޑީއެފްގެ އޯޑަރަށް ނޫން ކަމަށް." އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ އިންޑިއާގެ ނިޔަތް ސާފު ނަމަ، ރާއްޖެއާއެކު އެގައުމުން އެއްބަސްވެ ސޮއިކޮށްފައިވާ ގޮތަށް ދިވެހި ސިފައިން އެޤައުމުން ތަމްރީނު ނުކުރަންވީ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. އެހެން ކަމުން އިންޑިއާ ސިފައިން ރާއްޖެއިން ފައިބަން ޖެހޭކަމަށް އުމަރު ވިދާޅުވިއެވެ.

"އިންޑިއާ ސިފައިން ރާއްޖެއިން ފައިބަން ޖެހޭ. ސިޔާސީ ލީޑަރުންނަށް ސުޕާރީ ދެއްވައިގެން ޤައުމުގެ މިނިވަންކަމާ ގުޅުންހުރި ކަންކަން ހިންދާލެވިދާނެކަމަށް ހީކުރެވޭނަމަ އެއީ ކުށްހީއެއް." އުމަރުގެ ޕޯސްޓުގައި ވިދާޅުވިއެވެ.

މިކަމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ އުމަރު ނަސީރު ކުރިން ވިދާޅުވެފައި ވަނީ ރާއްޖޭގެ އެއްވެސް ސިޔާސީ ލީޑަރަކަށް އިންޑިއާއިން ރާއްޖެއަށް ހަދިޔާކޮށްފައިވާ ހެލިކޮޕްޓަރުތައް ފޮނުވާލަން ނުކެރުނު ކަމަށެވެ. އަދި އޭނާ އެކަން ކުރައްވާނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.