ޚަބަރު

ޒައިދު ސަސްޓެއިނަބިލިޓީ ޕްރައިޒް ހާޞިލުކުރެއްވި ބޭފުޅަކަށް ރައީސް ޞާލިޙް، އެވޯޑް ދެއްވައިފި


ޒައިދު ސަސްޓެއިނަބިލިޓީ ޕްރައިޒް ހާޞިލުކުރެއްވި ފަރާތަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އެވޯޑް ދެއްވައިފިއެވެ.

އަބޫދާބީ ސަސްޓެއިނަބިލިޓީ ވީކް 2019 ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން ކުރިޔަށްދިޔަ އެވޯޑް ހަފްލާގައި ރައީސް ޞާލިޙް އެވޯޑު ދެއްވީ ޒައިދު ސަސްޓެއިނަބިލިޓީ ޕްރައިޒް ހާޞިލުކުރެއްވި ދިހަ ފަރާތުގެ ތެރެއިން ބޭފުޅަކަށެވެ.

އަބޫދާބީގެ ނެޝަނަލް އެގްޒިބިޝަން ސެންޓަރުގައި ކުރިޔަށްދިޔަ މި ރަސްމިއްޔާތުގައި ޔޫ.އޭ.އީގެ ނައިބު ރައީސް، ޝެއިޙް މުޙައްމަދު ބިން ރާޝިދު އަލް މަކްތޫމާއި، އަބޫދާބީގެ ވަލީ އަޙުދު އަދި ޔޫ.އޭ.އީގެ ޑެޕިއުޓީ ސުޕްރީމް ކޮމާންޑަރ އޮފް އާމްޑް ފޯސަސް، މުޙައްމަދު ބިން ޒައިދު އަލް ނަޙްޔާން ބައިވެރިވެވަޑައިގަތެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ޔޫއޭއީ އަށް މިހާރު ކުރައްވައްވަމުން ގެންދަވާ ދަތުރުފުޅަކީ އެޤައުމުގެ ވަލީ އަޙުދު މުޙައްމަދު ބިން ޒައިދު އަލް ނަޙްޔާންގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

އަބޫދާބީ ސަސްޓެއިނަބިލިޓީ ވީކް ގެ ނަމުގައި ހިންގާ ހަރަކާތަކީ ކޮންމެ އަހަރަކު މެދުއިރުމަތީގައި ބާއްވާ އެންމެ ބޮޑު އެއް އެއްވުމެވެ.