ޚަބަރު

އިޢާދަކުރަނިވި ޙަކަތަ އުފެއްދުމަށް ރާއްޖެއިން ވަނީ އަމާޒުހިފާފައި - ރައީސް ޞާލިޙް


ރާއްޖެއިން އިޢާދަކުރަނިވި ޙަކަތަ އުފެއްދުމަށް އާމާޒުހިފާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އަބޫދާބީގެ ވަލީ އަޙުދު އަދި ޔޫ.އޭ.އީގެ ޑެޕިއުޓީ ސުޕްރީމް ކޮމާންޑަރ އޮފް އާމްޑް ފޯސަސް، މުޙައްމަދު ބިން ޒައިދު އަލް ނަޙްޔާންގެ ދަޢުވަތަކަށް، އެޤައުމަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ރައީސް ޞާލިޙްގެ އަރިހަށް، ޔޫ.އޭ.އީގެ މިނިސްޓަރ އޮފް އެނަރޖީ އެންޑް އިންޑަސްޓްރީ ޞުޙައިލް މުޙައްމަދު ފަރަޖް އަލް މަރްޒޫޢީ ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

މިބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ޔޫ.އޭ.އީގެ އެނަރޖީ މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި އިޢާދަކުރަނިވި ޙަކަތަ އުފެއްދުމަށް ޝަޢުގުވެރިވާ ފަރާތްތަކުން ކުރާ މަސައްކަތްތަކަށް އެއްބާރުލުން ދެއްވާނެކަމަށް ވިދާޅުވިއެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިޢާދަކުރަނިވި ހަކަތަ އުފެއްދުމަށް ކުރާ މަސައްކަތް ތަކުގައި ޔޫއޭއީގެ އެހީތެރިކަން މިހާރުވެސް ފޯރުކޮށްދެއްވަމުން ގެންދަވާ ކަމުގައި ވިދާޅުވިއެވެ. މީގެ އިތުރުން އެމަނިކުފާނުވަނީ އިޢާދަކުރަނިވި ޙަކަތަ ބޭނުންކޮށްގެން އުފައްދާ ކަރަންޓުގެ އަގު ފާއިތުވިއަހަރުތަކުގައި ހެޔޮވަމުން އަންނަކަން ފާހަގަކުރައްވާފައެވެ.

މީގެއިތުރުން ޔޫ.އޭ.އީގެ އެނަރޖީ މިނިސްޓަރުގެ ވާހަކަފުޅުގައި ރާއްޖޭގައި އިޢާދަކުރަނިވި ޙަކަތަ އުފެއްދުމަށް ކުރާ މަސައްކަތް ކާމިޔާބު ވާނެކަމުގެ އުންމީދު އެބައޮތްކަމަށްވިދާޅުވެ، އެޤައުމުން މިކަމަށް އެއްބާރުލުންދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙްއަށް ދެއްވާފައެވެ.