ޚަބަރު

އެއްވެސް ޤައުމަކަށް ސަރަހައްދީ ބާރުވެރިކަން ހޯދައިދިނުމަށް މަސައްކަތް ނުކުރާނަން - ރައީސް


އިންޑިއާ ކަނޑުގެ އެއްވެސް ޤައުމަކަށް ސަރަޙައްދީ ބާރުވެރިކަން ހޯދައިދިނުމަށް މަސައްކަތް ނުކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާ ހަވާލާދެއްވައި އިންޑިއާގެ މަޝްހޫރު އޮންލައިން ނޫހެއްކަމަށްވާ "އިކޮނޮމިކް ޓައިމްސް" ގައި ބުނެފައިވަނީ ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލަށް ބުރޫއެރުވުމުގެ ފުރުޞަތު އިންޑިއާއަށް ވެސް ނުވަތަ އެހެން ޤައުމަކަށްވެސް ނުދެއްވާނެ ކަމަށެވެ.

"ސިއްޙީ ދާއިރާއިން، ފަތުރުވެރިކަމުގެ ސިނާއަތުން އަދި އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ދެ ޤައުމުގެ ދެމެދުގައި ގުޅުން ބަދަހި ކުރާނަން. ވިޔަފާރި އިތުރުވަމުންދާ ވަރަކަށް އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން އިތުރު ކުރަން ޖެހޭނެކަން ގަބޫލު ކުރަން. ނަމަވެސް އިންޑިއާއަށް އަދި އެހެން ޤައުމަކަށްވެސް ރާއްޖޭގެ ސަރަހައްދެއް ނުދޭނަން." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިކަމަށް އިކޮނޮމިކް ޓައިމްސްގައި ލިޔެފައިވެއެވެ.

ރައީސް ޞާލިޙް ވިދާޅުވީ ރާއްޖޭގެ ޤާނޫނުއަސާސީން ކަށަވަރު ކޮށްދީފައިވާ އިންސާނީ ޙައްޤުތަކާއި، ޑިމޮކްރަސީގެ އުސޫލުތައް ކަށަވަރު ކޮށްދިނުމަށްޓަކައި ކުރީގެ ސަރުކާރުން ކޮށްފައި ހުރި ނުރަނގަޅު ކަންކަން އިސްލާހުކޮށް، ރާއްޖޭގައި ޑިމޮކްރަސީ އަލުން އިއާދަ ކުރުމަށް ކުރަން ޖެހޭ މަސައްކަތް ފަށާފައިވާކަމަށެވެ. ރައީސް ޞާލިޙް ވަނީ ރާއްޖެއަށް ދިމާވެފައިވާ މާލީ މައްސަލަތައް ޙައްލުކުރުމުގައި ކުރިމަތިވަމުންދާ ގޮންޖެހުންތައް ދެނެގަނެ، އެ ކަންކަން ޙައްލުކުރުމަށް އިންޑިއާ ސަރުކާރުގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބެމުންދާކަން ފާހަގަކުރައްވައި އެކަމަށްޓަކައި އިންޑިއާ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.

ސަރުކާރުން ގެންދަވަނީ އިންޑިއާއާ އެކު އޮތް ގުޅުން އިތުރަށް ބަދަހި ކުރައްވަމުންނެވެ. އެގޮތުން ރާއްޖޭގެ މާލީ ޙާލަތު ރަނގަޅުކުރުމަށާއި، ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްގެންދިއުމަށް 21 ބިލިއަން ރުފިޔާގެ ކްރެޑިޓް ފެސިލިޓީއެއް ދިނުމަށް އިންޑިއާ ސަރުކާރުން ވަނީ ނިންމާފައެވެ.