މާލޭ ވިޔަފާރި ބަނދަރުތެރޭގައި އަލުން ގާ އަތުރައި، މުދާ އަރުވާ ބޭލުމުގެ އޮޕަރޭޝަންތަކުގައި ބޭނުންކުރާ މެޝިނަރީ އާއި އެނޫންވެސް އެފަދަ އާލާތްތައް މަރާމާތުކުރުމަށް ބޮޑެތި މަސައްކަތްތަކެއް ކުރުމަށް ނިންމައިފިއެވެ.
އެމްޕީއެލްގެ ޗީފް އެގްޒެކްޓިވް އޮފިސަރ ޝާހިދު ޢަލީ ވިދާޅުވީ، މި މަސައްކަތްތަކަށް ބޮޑު ހަރަދެއް ހިނގާނެ ކަމަށާއި އެގޮތުން އެމްޕީއެމްގެ ކޮންޓެއިނަރ ބެހެއްޓިފައި ހުރި ސަރަހައްދުގައި އަލުން ގާ އެތުރުމުގެ މަސައްކަތަށް އެކަނިވެސް ގާތްގަނޑަތަކަށް 45 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށެވެ.
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލުން ގެންދަނީ ވިޔަފާރިވެރިންނަށް އަވަސް އަދި ފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސައިދިނުމަށް މަސައްކަތްތައް ކުރަމުންނެވެ. ނަމަވެސް އެމްޕީއެލްއަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމާއި މުދާ ބޭލުމުގައި ބޭނުންކުރުމަށް ހުރި އިކުއިޕްމަންޓުތައް މަދުވުމުގެ ސަބަބުން ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހޭ ކަމަށް އެކުންފުނިން ބުނެއެވެ.
އެމްޕީއެލްގެ މަސައްކަތްތަކާއި ގުޅޭގޮތުން ނޫސްވެރިނަށް މައުލޫމާތުދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ މުދާ ބޭލުމުގެ މަސައްކަތުގައި ބޭނުންކުރާ ވަރަށް މުހިންމު ސާމާނު ހަލާކުވެފައިވާކަމަށާއި، އެ އެއްޗެހިތައް ބޭނުން ކުރެވެން އޮތީ މަރާމާތުކޮށްގެން ކަމަށެވެ.
މީގެ އިތުރުން 2016 ވަނަ އަހަރު އެމްޕީއެލްއަށް ގެނައި ސާމާނުގެ ތެރެއިން ބައެއް އެއްޗެހި ބޭނުންނުކޮށް ބަހައްޓާފައިވާކަމަށެވެ. މީގެ ސަބަބަކީ އެމްޕީއެލްގެ ޔާޑުތެރޭގައި އެއެއްޗެހި ބަހައްޓާނެ ޖާގަ ނެތުންކަމަށް ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ ކޮންޓެއިނަރ ބަހައްޓާފައި ހުންނަ ސަރަހައްދުގައި އަތުރާފައި ހުރި ގާތަށް ވަރަށް ބޮޑަށް ހަލާކުވެފައިވާ ކަމަށާއި މިކަން ރަނގަޅުކުރުމުގެ މަސައްކަތްތައް މިއަހަރުތެރޭ ކުރެވޭނެކަމަށެވެ.
"މިހާރު މި އޮތް ގާތައް ނަގާފަ ކޮންކްރީޓް ނޫނީ ސިމެންތި އަޅާފަ އަލުން އޭގެ މަތީގައި ގާ އެތުރުމުގެ މަސައްކަތް އޮތީ ކުރިއަށް. ފުދޭ ވަރެއްގެ ބޮޑު ޖާގައެއްގެ ވާހަކަ މި ދެކެވެނީ، ޔާޑުގެ ހުރިހާ މަގުތަކާއި ވެހިކަލްތައް ދުއްވާ މަގުތައް މަރާމާތުކުރުމަށް ވަނީ ހަމަޖެހިފައި. މި މަސައްކަތްތަކަށް އެކަނިވެސް ގާތްގަނޑަކަށް 45 މިލިއަން ރުފިޔާ ހޭދަވާނެއެމްޕީއެލްގެ ޗީފް އެގްޒެކްޓިވް އޮފިސަރ ޝާހިދު ޢަލީ
ޝާހިދު ވިދާޅުވީ މިހާރު ހުރި ހުރިހާ ސާމާނުތައް މަރާމާތުކޮށް ބޭނުންކުރެވެން ފެށުމުން އެމްޕީއެލްގެ އޮޕަރޭޝަންތައް ހަލުވިވެގެން ދާނޭކަމަށެވެ.
އެމްޕީއެލްއިން ބުނާގޮތުގައި ވޭތުވެދިޔަ 7 އަހަރެއްހާ ދުވަހުގެ ތެރޭގައި ކަނޑުމަގުން ރާއްޖެއަށް މުދާ އެތެރެކުރާ އަދަދު ވަނީ 3 ގުނަ އިތުރުވެފައެވެ.