ޚަބަރު

އިންޑިއާއިން ރާއްޖެއަށް އެކި ދާއިރާތަކުން އެހީ ހޯދުމާ ގުޅޭގޮތުން، ނާއިބް ރައީސް މަޝްވަރާކުރައްވައިފި


އިންޑިއާއިން ރާއްޖެއަށް އެކި ދާއިރާތަކުން އެހީ ހޯދުމާ ގުޅޭގޮތުން، ރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރާއެކު، ރައީސުލްޖުމްހޫރިއްޔާގެ ނައިބް ފައިސަލް ނަސީމް މަޝްވަރާކުރައްވައިފިއެވެ.

ދިވެހިރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޢާއިޝަތު މުޙައްމަދު ދީދީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމްގެ އަރިހަށް މިއަދު ކުރެއްވި އިޙްތިރާމްގެ ޒިޔާރަތުގައި، ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި އިންޑިއާ އާއި ރާއްޖޭއާ ދެމެދު އޮންނަ ވަރުގަދަ ގުޅުން ދެމެހެއްޓުމަށް އިތުރަށް މަސައްކަތްޕުޅު ކުރެއްވުމަށް ވަނީ އެދިވަޑައިގެންފައެވެ.

ނާއިބު ރައީސް ވިދާޅުވީ ދިވެހި ސަރުކާރުން އިންޑިއާ އާއި ގުޅިގެން ވަރަށް ގިނަ މަޝްރޫއުތަކެއް ހިންގުމަށް ކަނޑައަޅުއްވާފައިވާކަމަށެވެ. އަދި އެކި ދާއިރާތަކުން އިންޑިއާގެ އެހީތެރިކަންވެސް ބޭނުންފުޅުވާކަން ނާއިބްރައީސް ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް ބޭނުންވާ އެހީ ހޯދުމާއި، ފަތުރުވެރިކަމުގެ ދާއިރާއިން ރާއްޖެ އިޝްތިހާރުކޮށް، ރާއްޖޭގެ ރީތި ނަން އެގޮތުގައި ދެމެހެއްޓުމަށް މަސައްކަތް ކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ސަފީރުގެ އަރިހުން އެދިވަޑައިގެންފައެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ތަޢުލީމީ ދާއިރާއިން ރާއްޖެއަށް މަތީ ތައުލީމުގެ ފުރުޞަތުތައް ފަހިކޮށްދެއްވަން މަސައްކަތްކޮށްދެއްވުމަށް ވެސް އެދިވަޑައިގެންފައެވެ. އަދި މިހާރު އިންޑިއާގައި ތައުލީމު ހާސިލުކުރަމުންދާ ދިވެހި ދަރިވަރުންނަށް ކުރިމަތިވާ ގޮންޖެހުންތައް ހައްލުކޮށްދެއްވުމަށް މަސައްކަތްކޮށްދެއްވުމަށްވެސް އެމަނިކުފާނު ވަނީ ސަފީރުގެ އަރިހުގައި އެދިވަޑައިގެންފައެވެ. މީގެއިތުރުން ސިއްހީ ދާއިރާއިން ބޭނުންވާ ކުރިއެރުން ހޯދުމަށާއި އާންމު ރައްޔިތުންން ބޭނުންވާ މުހިންމު ހިދުމަތްތައް މަގުފަހިކޮށްދެއްވުމަށް އިންޑިއާ އާއި ގުޅިގެން މަސައްކަތްކުރުމަށް ބޭނުންވާކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ދިވެހިރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަނީ އެކަމަނާއަށް މި ލިބުނު ފުރުޞަތުގައި ހުރިހާ ދާއިރާއަކުންވެސް ރާއްޖެއަށް އެހީތެރިކަން ހޯދައިދީ، ޚާއްޞަ ގޮތެއްގައި ރާއްޖޭގެ ރީތި ނަން ދަމަހައްޓަވަން ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރައްވާނެކަމުގައިވެސް ވިދާޅުވެފައެވެ.