ޚަބަރު

ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މަރުވި އަންހެން މީހާގެ އޮޓޮޕްސީއެއް ހެދުމަށް އާއިލާއާ މަޝްވަރާކުރަން ފުލުހުން އެދިއްޖެ


ފުލުހުންގެ ބެލުމުގެ ދަށުގައި ދޫނިދޫގައި ހުއްޓާއި މިއަދު މަރުވި އަންހެން މީހާގެ އޮޓޮޕްސީއެއް ހެދުމަށް އާއިލާއާ މަޝްވަރާކޮށްދިނުމަށް ފުލުހުން އެދިއްޖެއެވެ.

ފުލުހުންގެ ބެލުމުގެ ދަށުން ދޫނިދޫގައި ހުރި 23 އަހަރުގެ އަންހެނަކު މިއަދުގެ ވަގުތެއްގައި މަރުވި މައްސަލައާ ގުޅޭގޮތުން
މޯލްޑިވްސް ޕޮލިސް ސަވިސުން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ، މަރުވި އަންހެން މީހާއަކީ ފުލުހުންނަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެން ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހެއް ކަމަށެވެ. އަދި އޭނާ މަރުވުމާ ގުޅިގެން ފުލުހުންގެ ފަރާތުން ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށް މިކަމުގެ މަޢުލޫމާތު ހިއްސާކޮށް، މިކަން ބަލައިދިނުމަށް އެދިފައިވާކަމަށެވެ. އަދި މަރުވި މީހާގެ އޮޓޮޕްސީއެއް ހެދުމާ ގުޅޭގޮތުން އާއިލާއާ މަޝްވަރާކޮށްދިނުމަށްވެސް އެދިފައިވާ ކަމަށް ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ.

ފުލުހުން ބުނީ މިމައްސަލައާ ގުޅިގެން ކަމާއި ގުޅުންހުރި އިދާރާތަކަށް ފުލުހުންގެ ފަރާތުން ދޭންޖެހޭ އެއްބާރުލުން ދޭނެކަމަށެވެ. އަދި ފުލުހުންގެ ބެލުމުގެ ދަށަށް އެ އަންހެން މީހާ ގެނެވުނު ވަގުތުން ފެށިގެންނާއި، ފުލުހުންގެ ބެލުމުގެ ދަށުން ދޫނިދޫގައި ބަންދުގައި ހުރީ މުއްދަތުގައި އޭނާއަށް ލިބިދޭން ޖެހޭ އެންމެހައި ހައްޤުތައް ކަށަވަރުކޮށްދީ ފުލުހުންގެ ފަރާތުން ފޯރުކޮށްދޭން ޖެހޭ ޚިދުމަތްތައް ފޯރުކޮށްދީފައިވާކަންވެސް ފުލުހުންގެ ބަޔާނުގައި ފާހަގަކޮށްފައެވެ.

މީގެ އިތުރުން، ދޫނިދޫގައި ބަންދުގައި ހުރި މުއްދަތުގެ ތެރޭގައި އެ އަންހެން މީހާ ދެ ފަހަރެއްގެ މަތިން ޑޮކްޓަރަށް ދައްކައި، ފަރުވާ ދީފައިވާކަންވެސް ފުލުހުން ނެރުނު ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.