ޚަބަރު

އެމްޑީޕީ ޕްރައިމެރީގައި 270 ވޯޓް ފޮށި ރާއްޖެއިން ބޭރުގައި 3 ފޮށި ބަހައްޓާނެ


ހުކުރު ދުވަހު ބާއްވާ އެމްޑީޕީގެ މަޖިލިސް ޕްރައިމަރީގައި ރާއްޖޭން ބޭރުގެ ތިން ޤައުމެއް ހިމެނޭހެން ޖުމްލަ 270 ވޯޓު ފޮށި ބަހައްޓާނެކަމަށް އެޕާޓީން ބުނެފިއެވެ.
މަޖިލިސް ޕްރައިމަރީގެ އެންމެ ފަހުގެ ތައްޔާރީތަކާއި ގުޅޭގޮތުން އެމް.ޑީ.ޕީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޕާޓީގެ ނާއިބު ރައީސް މުޙައްމަދު ޝިފާޒް ވިދާޅުވީ މަޖިލިސް އިންތިޚާބުގައި އެމް.ޑީޕީން ވާދަކުރާނެ ކެނޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީ އަންނަ ހުކުރުދުވަހު ބާއްވާނީ ވީހާވެސް ދެ ފުށް ފެންނަ ގޮތަށް ޕާޓީގެ ގިނަ އަދަދެއްގެ މެންބަރުންނަށް ވޯޓު ދެވޭނެފަދަ ގޮތަކަށްކަމަށެވެ. ޝިފާޒު ވިދާޅުވީ 86091 މެންބަރުންނަށް ވޯޓު ދިނުމުގެ ފުރުސަތު ލިބިގެންދާ މިއިންތިޚާބުގައި 279 މީހަކު ވާދަކުރާކަމަށެވެ.

"އިންޑިއާގެ ޓްރިވެންޑްރަމްގައި މިއިންތިޚާބުގައި ވޯޓު ފޮއްޓެއް އެބަ ބަހައްޓަން، އަދި ސްރީލަންކާ އާއި މެލޭޝިޔާގައިވެސް މިއިންތިޚާބުގައި ވޯޓުފޮއްޓެއް ބަހަައްޓާނެ. އެހެންވީމަ މިއިިންތިޚާބު ވެގެންދާނީ ފުޅާ ދާއިރާއެއްގައި އެމް.ޑީ.ޕީ މެންބަރުންނަށް އެމެންބަރުންގެ ނަޒަރުގައި އެމެންބަރުން ތަމްސީލުކުރާނެ ރައްޔިތުންގެ މަޖިލިސްގެ ކެނޑިިޑޭޓްގެ ގޮތުގައި އެބޭފުޅުން ވާދަކުރައްވަން ބޭނުންފުޅުވާ ބޭފުޅާ، އަޅުގަނޑުމެންގެ ޕާޓީއަށް ދެއްކުމަށް އަޅުގަނޑުމެން ކުރި މަސައްކަތަކަށް" ޝީފާޒް ވިދާޅުވިއެވެ.

ޝިފާޒް ވިދާޅުވީ، ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައިވެސް އެމް.ޑީޕީ ތަމްސީލުކުރާނެ ކެނޑިޑޭޓުން ނިންމާނީ ޕާޓީގެ މެންބަރުންކަމަށެވެ. އަދި ޕާޓިން ކުރިއަށްދާނީވެސް އެކެނޑިޑޭޓުންނާއެކުކަމަށް އޭނާ ވިދާޅުވިއެވެ.

ޕްރައިމަރީގައި ވޯޓު ދޭނެ ދަފްތަރު ލިސްޓު އާންމުކުރުން އިއްޔެ އާއި ހަމައަށް ލަސްވެގެންދިޔައީ ދަފްތަރު ލިސްޓުގެ ފައިނަލް އިލެކްޝަންސް ކޮމިޝަނުން އިއުލާންކުރާނެކަމަށް ބަލައިގެންކަމަށާއި، މިހާތަނަށްވެސް ކޮމިޝަނުން ދަފްތަރު ލިސްޓު އާންމުނުކުރުމުގެ އެލިސްޓް އެމް.ޑީ.ޕީން އާންމުކޮށްފައިވާނީ ކުރިންވެސް ދަފްތަރު ލިސްޓު ބެހިފައިވާ ގޮތަށްކަމަށެވެ.

އަންނަ ހުކުރު ދުވަހު މެންދުރު ފަހު 14:30 އިން ރޭގަނޑު 20:30 އަށް ބާއްވާ އެމް.ޑީ.ޕީގެ މަޖިލިސް ޕްރައިމަރީގެ ވޯޓުލުން މާލެ ސިޓީގައި ކުރިއަށްދާނީ މާލެގެ ބޮޑެތި ސްކޫލްތަކުގައިއެވެ. އެގޮތުން މާފަންނަށް ނިސްބަތްވާ މެންބަރުން ވޯޓު ދިނުމަށް ވޯޓް ފޮށި ބަހައްޓާފައި ހުންނަނީ ހިރިޔާ ސްކޫލްގައެވެ. މައްޗަންގޯޅީގެ ރައްޔިތުންނަށް ވޯޓް ފޮށި ބަހައްޓާފައި ހުންނާނީ އަރަބިއްޔާ ސްކޫލްގައެވެ. ގަލޮޅު މެންބަރުން ވޯޓުލުން ކުރިއަށްދާނީ އިމާދުއްދީން ސްކޫލްގައެވެ. ހެންވޭރު މެންބަރުން ކަލާފާނު ސްކޫލްގައި ވޯޓުލާގޮތަށް ހަމަޖައްސާއިރު، މާލޭގައި ދިރިއުޅޭ ރަށްރަށުގެ މީހުންގެ ވޯޓުލުންވެސް ކުރިއަށްދާނީ ހަމަ އެސްކޫލްތަކުގަައި އެކަމަށް ކަނޑައެޅޭ ވަކި ތަނެއްގައިކަމަށް އެމްޑީޕީން ބުނެއެވެ.

އެމް.ޑީޕީ ޕްރައިމަރީގައި ވޯޓުލުންކުރިއަށްދާ ސަރަހައްދުތަކުގެ ސަލާމަތީކަންކަން ފުލުހުން ބަލަހައްޓާނެކަމަށާއި، އިންތިޚާބުގެ ކަންކަން ވީހާވެސް ހާމަކަން ބޮޑުގޮތެއްގައި ކުރިއަށްގެންދިއުމަށް މެންބަރުންގެ މަންދޫބުންނަށްވެސް ވޯޓުލާ ސަރަހައްދުތަކުގައި ހަރަކާތްތެރިވާނެކަމަށް އެމް.ޑީ.ޕީން ބުނެއެވެ. އަދި ކޮންމެ ދާއިރާއެއްގެ ވޯޓުފޮށި ކައިރީގައި ހުންނާނީވެސް އެހެން ދާއިރާއަކަށް ނިސްބަތްވާ މީހެއްކަމަށް އެޕާޓީން ބުނެއެވެ. އެމް.ޑީ.ޕީ ޕްރައިމަރީ އާއި ދިމާކޮށް އަލަށް 36000 މެންބަރުން ޕާޓީއާއި ގުޅިފައިވާކަމަށް އެޕާޓީން ބުނެއެވެ.