ޚަބަރު

މަޖިލިސް ރައީސާއި ލަންކާ ސަފީރު ބައްދަލުކުރައްވައިފި


ދިވެހިރާއްޖެއާ ސްރީލަންކާއާ ދެމެދުއޮންނަ ގުޅުން އިތުރަށް ބަދަހި ކުރުމާ ބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ޤާސިމް އިބްރާހީމާއި، ސްރީލަންކާ ސަފީރު މަޝްވަރާ ކުރައްވައިފިއެވެ.

މިކަމާމެދު މަޝްވަރާކުރެއްވީ ރަޔިތުންގެ މަޖލީހުގެ ރައީސްގެ އަރިހަށް ސްރީލަންކާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މޭޖަރ ޖެނެރަލް (ރިޓަޔަރޑް) ތޮރަޑެނިޔަ ކުރެއްވި އިޙްތިރާމްގެ ޒިޔާރަތުގައި ދެބޭފުޅުން ދެއްކެވި ވާހަކަފުޅުގައެވެ.

ރައްޔިތުންގެ މަޖިލިސްކުރާ ގޭގަ ބޭއްވެވި މިބައްދަލުކުރެއްވުމުގައި ރައްޔިތުންގެ މަޖީލީހުގެ ރައީސް ދެއްކެވި ވާހަކަފުޅުގައި، ޒަމާނުއްސުރެ ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު އޮންނަ ވަރުގަދަ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލެއްވައި، ރާއްޖޭގެ ތަރައްޤީގައި ސްރީލަންކާގެ ހިއްސާ ބޮޑުކަން ފާހަގަކުރައްވިއެވެ. އަދި ކުރިއަށްއޮތްތަނުގައި ދެޤައުމުގެ ގުޅުން އިތުރު ދާއިރާތަކުން ބަދަހި ކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާ ކުރެއްވިއެވެ.

މީގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ރައީސްވަނީ ރާއްޖެއާއި ލަންކާގެ ގުޅުން ބަދަހިކަންމަތީ ދެމެހެއްޓުމަށް ސަފީރު ތޮރަޑެނިޔަ ކުރައްވަމުން ގެންދާވާ މަސައްކަތްޕުޅު ފާހަގަކުރައްވާ އޭނާއަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ރާއްޖެއާއި ލަންކާގެ ގުޅުން ކުރިއަށްއޮތް ތަނުގައި އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުއްމީދު ކުރައްވާކަމަށް ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުމުގައި ސްރީލަންކާ ސަފީރު ދެއްކެވި ވަހަކަފުޅުގައި، ޒަމާނުއްސުރެ ރާއްޖެއަކީ އެޤައުމުގެ ރައްޔިތުންގެ މެދުގައި މަޤުބޫލު މަންޒިލެއްކަމަށް ވިދާޅުވިއެވިއެވެ. އަދި ލަންކާ ރައްޔިތުންނާއި ދިވެހިންނާ ދެމެދުގައި ވަރަށް އެކުވެރި ގުޅުމެއް އުފެދިފައިވާކަން ފާހަގަކުރައްވާ، އެގުޅުން އެކިދާއިރާތަކުން އިތުރަށް ބަދަހިކުރަން ބޭނުންފުޅުވާކަން ހާމަކުރެއްވިއެވެ. މިކަމުގައި ދިވެހި ރައްޔިތުންނާއި ސަރުކާރާއި ރައްޔިތުންގެ މަޖިލީހުން ދެއްވާ އެއްބަރުލުމަށް ސަފީރު ވަނީ ޝުކުރު އަދާކުރައްވާފައެވެ.