ޚަބަރު

ޤަވާއިދާ ޚިލާފަށް ރާއްޖޭގައި 63000 ބިދޭސީން އުޅޭ- އިމިގްރޭޝަން


ރާއްޖޭގައި މަސައްކަތްކުރުމަށް ދޮޅުލައްކައާ ގާތްކުރާ އަދަދަކަށް ބިދޭސީން އުޅޭއިރު އޭގެތެރެއިން 63000 މީހުންނަކީ ޤަވާއިދާ ޚިލާފަށް އުޅޭ މީހުންކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.

ކޮންޓްރޯލަރ ޖެނަރަލް އޮފް އިމިގްރޭޝަން މުޙައްމަދު އަޙްމަދު ޙުސައިން ވިދާޅުވީ އިމިގްރޭޝަންގެ މަސައްކަތްތަކާއި، ޚައްސަކޮށް ރާއްޖެއަށް ބިދޭސީން ގެނައުމުގެ މައްސަލައިގެ ޝަކުވާތައް ވަރަށް ގިނަކަމަށެވެ. މިގޮތުން އެކި ފަރާތްތަކުގެ ޝަކުވާތައް ބަލައި ދިރާސާކުރިއިރު، ނިމިދިޔަ ސަރުކާރުން ކަންކަން ކޮށްފައި ހުރީ އެންމެ ރަނގަޅަށް ނޫންކަން ހާމަވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ކޮންޓްރޯލަރ ޖެނަރަލް އޮފް އިމިގްރޭޝަން ވިދާޅުވީ ބިދޭސީން ގެނައުމުގެ ކޯޓާއާއި ގުޅޭގޮތުން ހެދިފައި ހުރި ޤަވާޢިދުތަކާއި، އުސޫލުތަކުން ބޭރުން އެކިއެކި ތަންތަނަށް ބޮޑެތި އަދަދުތަކުން ބިދޭސީން ގެނެސްފައިވާކަމަށެވެ. މިގޮތުން ބައެއް ޕްރޮޖެކްޓްތަކަށް ހަތަރު ހާހާ ގާތްކުރާ އަދަދަކަށް ކޯޓާ ދޫކޮށްފައި ހުރިކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި މިފަދަ ކަންކަމުގެ ސަބަބުން ދިވެހި ރައްޔިތުން އިމިގްރޭޝަންއާ މެދު ދެކޭގޮތް ބަދަލުވެފައިވާކަން ކޮންޓްރޯލަރ ފާހަގަކުރެއްވިއެވެ.

"ވޯކް ވިސާގައި މިހާތަނަށް ރާއްޖެގެނެސްފައިވާ ބިދޭސީންގެ އަދަދަކީ 144607 މީހުން. މީގެތެރެއިން ނުޤަވާޢިދުން އުޅޭ ބިދޭސީންގެ އަދަދުކަމުގައި އަޅުގަނޑުމެންނަށް ލަފާކުރެވެނީ 63000 މީހުން. ކޯޓާ ދޫކުރެވިފައިވާ އުސޫލުން ބޭރުން ކުޑަ ކެފޭ ކަހަލަ ތަންތަނަށް 100 ކޯޓާ، ގެސްޓްހައުސްތަކަށް 80 ކޯޓާ ދޫކުރެވިފައިވޭ. އުސޫލެއް އޮތަށް އެއަށް ބެލުމެއް ނެތި މިކަންކަން ވަނީ ހިނގާފަ" ކޮންޓްރޯލަރ ޖެނަރަލް އޮފް އިމިގްރޭޝަން މުޙައްމަދު އަޙްމަދު ޙުސައިން ވިދާޅުވިއެވެ.

ޤަވާއިދާއި ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް "އޮޕަރޭޝަން ސްޓިންގ ރޭ" ގެނަމުގައި ޚައްސަ އޮޕަރޭޝަނެއް ފަށާފައިވާކަމަށާއި، މިއޮޕަރޭޝަނުގެ ބޭނުމަކީ ބިދޭސީން ހައްޔަރުކޮށް ޑީޕޯޓުކުރުމުގެ ބަދަލުގައި މިމައްސަލަ ހައްލުކުރެވޭނެ ގޮތްތައް ދެނެގަނެ ވަކި އުސޫލެއްގެ ދަށުން ޤަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން މަދުކުރުން ކަމަށް ކޮންޓްރޯލަރ ޖެނަރަލް އޮފް އިމިގްރޭޝަން ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް ވަރަށް ފަސޭހަކަމެއް ހަމަ ރެއިޑެއް ބާއްވާފައި މިހުރިހާ އެންމެން ހައްޔަރުކުރުން އެކަމު އެއީ އަސްލު ހައްލެއްތޯއޭ އަޅުގަނޑު ޕަބްލިކާ ސުވާލުކޮށްލާނީ. މިކަހަލަ ކަންކަމުގައި އަޅުގަނޑުމެން ބަލަންވީ ޕަބްލިސިޓީ ހޯދުމަށްވުރެ މިކަން ޕްރިވެންޓް ކުރެވޭނެގޮތެއް ހެދުން. މިގޮތުން "އޮޕަރޭޝަން ސްޓިންގރޭ" ގެ ތެރެއިން އާންމުން ހޭލުނތެރިކުރުވުމާއި، ބިދޭސީންނަށް ފުރުސަތުދީގެން އަމިއްލައަށް ފުރުމުގެ އިންތިޒާމު ހަމަޖައްސައި، އެންމެ ފަހު މަރުހަލާއެއްގެ ގޮތުން ރެއިދަށް ގޮސް މިފަރާތްތައް ހައްޔަރުކުރުމުގެ ކަންކަން ރޭވިގެންދާނީ" މުޙައްމަދު އަޙްމަދު ޙުސައިން ވިދާޅުވިއެވެ.

ނިމިދިޔަ 2018 ވަނަ އަހަރު އިމިގްރޭޝަންގެ ޤަވާޢިދާ ޚިލާފުވެފެން 112 ފަރާތެއް ޑީޕޯޓްކުރެވިފައިވާއިރު، ސިއްޚީ ގޮތުން ހުންނަޖެހޭ ދުޅަހެޔޮކަން ނެތުމުން މިދިޔަ އަހަރު އެކަނިވެސް 531 މީހުން ފޮނުވާލިކަމަށާއި، ވަޒީފާއަށް ފިލައިގެން އުޅޭ ބިދޭސީންގެ އަދަދު މިދިޔަ އަހަރު އެކަނިވެސް 2734 އަށް އަރާފައިވާކަމަށް ހަނަފީ ވިދާޅުވިއެވެ. މީގެއިތުރުން މަސްތުވާތަކެތީގެ ވިޔަފާރިކުރުމާއި، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުންފަދަ ރާއްޖޭގެ ޤާނޫނުތަކާއި ޤާވާއިދާ ޚިލާފުވާ ބިދޭސީން އިތުރުވަމުން ދިއުމަކީ ކަންބޮޑުވާކަމެއްކަމަށް ޙަނަފީ ވިދާޅުވިއެވެ.

ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން ވިދާޅުވީ އިމިގްރޭޝަންއަށް އެންމެ ބޮޑު ފާޑުކިއުންތައް އަމާޒުވަނީ ކޯޓާގެ ކަންކަމުގައި ކަމަށާއި، ޤަވާއިދާޚިލާފަށް ކޯޓާ ހޯދާފައިވާ ތަންތަނުގެ ކޯޓާތައް މިހާރު ކެންސަލްކުރަމުންދާކަމަށެވެ. އަދި މިމަހުގެ 24 ވަނަ ދުވަހުން ފެށިގެން ކޯޓާ ދޫކުރާ އަދަދުގެ ރިޕޯޓާއި، އެ އިދާރާއިން ދޭ ހުރިހާ ޚިދުމަތެއްގެ ތަފާސް ހިސާބު އިމްގްރޭޝަންގެ ވެބްސައިޓްގައި އާންމުކުރާނެކަމަށް ހަނަފީ ވިދާޅުވިއެވެ. މީގެ އިތުރުން އިމިގްރޭޝަންގެ ޤާނޫނުގައިވެސް އިސްލާޙްކުރަންޖެހޭ ކަންތައްތައް އެބަހުރިކަމަށާއި އެކަމަށް އެ އިސްލާޙްތައް ޑްރާފްޓްކުރުމުގެ މަސައްކަތް ކުރަމުންދާކަންވެސް ކޮންޓްރޯލަރ ޖެނަރަލް އޮފް އިމިގްރޭޝަން ފާހަގަކުރެއްވިއެވެ.