ޚަބަރު

ފައިސާ އެތެރެކޮށް ބޭރުކުރުމުގައި ރިޕޯޓްކުރަންޖެހޭ މިންގަޑަށް ބަދަލު ގެނެސްފި


ރާއްޖެއަށް ނަގުދު ފައިސާ އެތެރެކުރުމާއި ބޭރުކުރުމުގައި ކަސްޓަމްސަށް ރިޕޯޓްކުރަންޖެހޭ މިންވަރަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބަދަލު ގެންނަވައިފިއެވެ.

މަނީ ލޯންޑްރިންގެ މައްސަލަތަކާއި ޓެރަރިޒަމަށް ފައިސާ ހޭދަކުރުން ހުއްޓުވުމުގެޤާނޫނުގެ ދަށުން ހަދާފައިވާ ޤަވާއިދުގައި ކުރިން ކަނޑައަޅާފައި ވަނީ ތިރީސް ހާސް އެމެރިކާޑޮލަރު ނުވަތަ އެއަށް ވުރެ މަތީގެ ޢަދަދަކުން ރާއްޖެއަށް ފައިސާ އެތެރެ ކުރާނަމަ ނުވަތަ ބޭރުކުރާނަމަ ކަސްޓަމްސަށް ރިޕޯޓް ކުރަން ޖެހޭނެ ކަމަށެވެ.

މަނީ ލޯންޑްރިންނާއި ޓެރަރިޒަމަށް ފައިސާ ހޭދަކުރުން ހުއްޓުވުމުގެ ޤާނޫނުގައި ކަނޑައަޅާފައިވާ ޢަދަދު މިހާރުވަނީ ދައްކޮށްފައެވެ. އެގޮތުން ވިހިހާސް ޑޮލަރު ނުވަތަ އެއަށްވުރެ މަތީގެ ޢަދަދަކުން ރާއްޖެއަށް ފައިސާ އެތެރެ ކުރިނަމަވެސް ނުވަތަ ރާއްޖެއިން ބޭރުކުރި ނަމަވެސް ކަސްޓަމްސަށް ރިޕޯޓް ކުރަން ޖެހޭނެކަމަށް މިހާރު ވަނީ ކަނޑައަޅާފައެވެ.

އެމްއެމްއޭއިން ވިދާޅުވީ ރާއްޖެއަށް ފައިސާ އެތެރެ ކުރުމާއި ފައިސާ ބޭރުކުރުމުގައި ދިވެހި ރުފިޔާއިން ނުވަތަ ބޭރުގެ އެހެން ޤައުމެއްގެ ފައިސާއަކުން ނަމަވެސް، އެ ޢަދަދު ނުވަތަ އެއަށް ވުރެ މަތީގެ ޢަދަދެއްނަމަ، ކަސްޓަމްސަށް ރިޕޯޓް ކުރަން ޖެހޭނެ ކަމަށެވެ.