ޚަބަރު

ދެކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފި


ރާއްޖެއަށް އެތެރެކުރަން އުޅުނު ދެކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފިއެވެ.

މިތަކެތި އަތުލައިގެންފައިވަނީ ފުލުހުންނާއި ކަސްޓަމްސް ގުޅިގެން ހިންގި ޚާއްސަ އޮޕަރޭޝަނުގައެވެ. މިމަސްތުވާތަކެތި އަތުލައިގަނެފައި ވަނީ ކަނޑު މަގުން އައި ކާގޯ އުޅަނދަކުންކަމަށް ކަސްޓަމްސްއިން މަޢުލޫމާތުދެއްވައެވެ.

ކަސްޓަމްސްއިން ނެރުއްވާފައިވާ ބަޔާނެއްގައި ވިދާޅުވެފައި ވަނީ، ބަލައިފާސްކުރި އުޅަނދެއްގައި ހުރި މުދާ ތަކެއްގެތެރޭގައި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެހިތަކެއް ފޮރުވާފައި ހުއްޓާ ފެނިފައިވާ ކަމަށާ، އެތަކެތި ތަހުލީލު ކުރިއިރު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހަޝިޝް އޮއިލަށް ޕޮޒިޓިވްވެފައި ކަމަށެވެ. އަދި އެތަކެތީގެ މަގުމަތީގެ އަގު އެއް މިލިއަން ރުފިޔާއަށް އަރާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށްވެސް ކަސްޓަމްސްއިން ވިދާޅުވެއެވެ.

މި މައްސަލައިގެ އިތުރުން ވައިގެ މަގުން މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު މަސްތުވާ ތަކެއްޗާއެކު ހައްޔަރުކޮށްފައިވާ މައްސަލައެއްގެ މަޢުލޫމާތުވެސް ކަސްޓަމްސްއިން ހާމަކުރައްވާފައިވެއެވެ. ވައިގެ މަގުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅެނިކޮށް އަތުލައިގެންފައިވަނީ ބަންގްލަދޭޝްއިން ރާއްޖެއައި އެޤައުމަށް ނިސްބަތްވާ ޢުމުރުން 28 އަހަރުގެ ފިރިހެނެއްކަމަށް ކަސްޓަމްސްއިން ވިދާޅުވެއެވެ.

އެމީހާގެ ޢަމަލުތައް ހުރިގޮތުން އެމީހާ ބަލައިފާސްކުރިއިރު، ޕެކެޓްތަކެއްގައި ހުރި ނަވާރަ ސަތޭކަ ތިރީސް ހަ، އޮރެންޖު ކުލައިގެ ގުޅަތަކެއް އޭނާއަތުން ފެނިފައިވާ ކަމަށާއި އެތަކެތި ތަހުލީލުކުރުމުން މަސްތުވާތަކެތީގެ ބާވަތަކަށް ޕޮޒިޓިވްވެފައިވާ ކަމަށް ކަސްޓަމްސްއިން ވިދާޅުވެއެވެ. އަދި އޭނާ އަތުން އަތުލައިގަތް މަސްތުވާތަކެތީގެ މަގުމަތީ އަގު ދުއިސައްތަ ހާސް ރުފިޔާއަށް އަރާނެކަމަށް ލަފާކުރެވޭކަމަށްވެސް ކަސްޓަމްސްއިން ވިދާޅުވެއެވެ.

މި ދެމައްސަލަވެސް ފުލުހުން ތަހުޤީޤު ކުރަމުން އަންނައިރު، މި ދެމައްސަލައިގާ ޝާމިލުވާ މީހުންގެ އިތުރުން ކަސްޓަމްސްއިން ކުރިއަށް ގެންދިޔަ ތަފާތު އޮޕަރޭޝަންތަކުގައި އަތުލައިގަނެވުނު ހުރިހައި މަސްތުވާތަކެއްޗެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ކަސްޓަމްސްއިން ވިދާޅުވެއެވެ.