ޚަބަރު

ވޯލްޑް ބެންކުގެ ނާއިބު ރައީސް ރާއްޖެ ވަޑައިގެންފި


ވޯލްޑް ބެންކުން ދެކުނު އޭޝިޔާ ސަރަޙައްދަށް ކަނޑައަޅުއްވާފައި ހުންނަވާ ނާއިބު ރައީސް ހާޓްވިގް ޝޭފާ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފިއެވެ.

ވޯލްޑް ބެންކުގެ ނާއިބު ރައީސް ރާއްޖެއަށް ކުރައްވާ ހަތަރު ދުވަހުގެ ރަސްމީ ދަތުރުފުޅަކީ، މިދިޔަ އަހަރުގެ މެދުތެރޭގައި މަޤާމާ ޙަވާލުވެވަޑައިގަތުމަށްފަހު ރާއްޖެއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. މިދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ވޯލްޑް ބެންކުގެ އޭޝިޔާ އަދި ޕެސިފިކް ސަރަޙައްދުގެ އިންޓަނޭޝަނަލް ފައިނޭންސް ކޯޕަރޭޝަންގެ ނާއިބު ރައީސްވެސް ބައިވެރިވެވަޑައިގަންނަވައެވެ.

މިދަތުރުފުޅާ ގުޅޭގޮތުން ވޯލްޑް ބެންކުގެ ނާއިބު ރައީސް ހާޓްވިގް ވިދާޅުވީ ތަރައްޤީގެ ރޮނގުން ރާއްޖެއިން ބޮޑެތި ކާމިޔާބީތަކެއް ހާޞިލްކޮށްފައިވާއިރު، ރާއްޖެއަކީ ތަރައްޤީވަމުން އަންނަ ޤައުމުތަކުން ނަމޫނާއަކަށް ބަލަންޖެހޭ ޤައުމެއްކަމަށެވެ. އަދި ރާއްޖެ ވޯލްޑް ބެންކާ ގުޅުނުތާ 40 އަހަރު ފުރުނު މުނާސާބާއާ ދިމާކޮށް ރާއްޖެއަށް ޒިޔާރަތްކުރުމަކީ އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ވަރަށް ބޮޑު އުފަލެއްކަމަށްވެސް ހާޓްވިގް ވިދާޅުވިއެވެ.

ވޯލްޑް ބެންކުގެ ނާއިބު ރައީސްގެ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރައްވާ، މުހިއްމު މަޝްވަރާތަކެއް ކުރައްވާނެއެވެ. ރައީސުލްޖުމްހޫރިއްޔާގެ އިތުރުން، ފިނޭންސް މިނިސްޓަރ އަހުމަދު އަމީރު، އެންވަޔަރަމަންޓް މިނިސްޓަރ ޑރ. ހުސައިން ރަޝީދު އަދި އެމްއެމްއޭގެ ގަވަރނަރު އަހުމަދު ނަސީރާވެސް ބައްދަލުކުރައްވާނެއެވެ.

ރާއްޖެ ވޯލްޑް ބެންކުގެ މެމްބަރަކަށްވިތާ ސާޅީސް އަހަރު ފުރިގެންދިޔައިރު، މިމުއްދަތުގެ ތެރޭގައި 29 މަޝްރޫޢެއް ހިންގާފައިވާއިރު، އެމަޝްރޫޢުތަކަށް ވޯލްޑް ބެންކުން ދުއިސައްތަ ފަންސާސް ފަސް މިލިއަން ޑޮލަރު ޚަރަދުކޮށްފައިވެއެވެ. އަދި މިހާރުވެސް ރާއްޖޭގައި އަށްޑިހަ ދެ މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހަތަރު މަޝްރޫޢެއް ދަނީ ހިންގަމުންނެވެ.