ޚަބަރު

އިންތިޚާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް ހުރަސް އެޅުމަކީ ޑިމޮކްރަސީއާ ޚިލާފުކަމެއް - ރައީސް


ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް ހުރަސް އަޅަން ކުރާ މަސައްކަތްތަކަކީ ޑިމޮކްރަސީއާ ޚިލާފު ކަންތައްތަކެއްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ސަރުކާރު ހިންގާ މައިޕާޓީ އެމް.ޑީ.ޕީގެ ފަރާތަން ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓުން ހޮވުމަށް ބޭއްވި އެޕާޓީގެ ޕްރައިމަރީގައި ވޯޓުދެއްވުމަށްފަހު މީޑިއާ އާއި ވާހަކަފުޅުދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ އެއްވެސް ރައްޔިތަކަށް އިންތިޚާބެއްގައި ކުރިމަތިލުމަށް ހުރަސްއެޅޭ ފަދަ ކަންތައްތަކެއް ކުރުމަކީ ޤަބޫލުކުރެވޭނެ ކަންތައްތަކެއް ނޫންކަމަށެވެ. ޤާނޫނު އަސާސީގައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރެވޭނެ ޝަރުތުތައް ކަނޑައަޅާފައިވާކަމަށާއި، އިތުރު ޝަރުޠުތަކެއް ކުރިމަތިކުރުވައިގެން އިންތިޚާބުގައި ވާދަކުރުމަށް ހުރަސް އެޅުމަކީ ޤާނޫނުތަކާއި، ޤާނޫނު އަސާސީއާ އެއްގޮތަށް ކުރެވޭ ކަމެއްކަމަށް ދެކިވަޑައިނުގަންނަވާކަމަށްވެސް ރައީސް ޞާލިޙް ވިދާޅުވިއެވެ.

"އެއްވެސް މީހަކަށް އިންތިޚާބަށް ކުރިމަތިލުމަށް ހުރަސްއެޅޭކަހަލަ ކަންތައްތަކަކީ އެއީ ޤަބޫލިކުރެވޭ ކަމެއްނޫން. މިދެންނެވީ ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލާން ބޭނުންވެފައިވާ ފަރާތްތަކަށް ހުރަސްއެޅުމައްޓަކައި ހިންގާ ކަންތައްތަކަކީ އެއީ ޑިމޮކްރަސީއާ އިދިކޮޅަށް ކުރެެވޭ ކަމެއްކަމަށް އަޅުގަނޑު ޤަބޫލުކުރަނީ" ރައީސް ސާލިޙް ވިދާޅުވިއެވެ.

މަޖިލިސް އިންތިޚާބުގައި ވާދަކުރާ ފަރާތްތަކަށް ހުރަސް އެޅުމަށް ކުރާ ކަންކަން ބަލައިނުގަނެވޭކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެފައި މިވަނީ، ރައީސްކަން ކުރައްވާފައިވާ ބޭފުޅަކަށް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތި ނުލެވޭގޮތަށް ޤާނޫނަށް އިސްލާޙު ގެނައުމަށް ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ މަޖިލިސް މެންބަރަކު ހުށަހެޅި އިސްލާހް އަނބުރާ ގެންދިއުމާމެދު ގޮތެއް ނިންމުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ޖުމްހޫރީ ޕާޓީގެ ލީޑަރޝިޕަށް މިއަދު ގޮވާލައްވާފައިވަނިކޮށެވެ.

އެމް.ޑީ.ޕީގެ ޕްރައިމަރީއާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، އެމްޑީޕީން ބާއްވާ ޕްރައިމަރީތަކަކީ ރާއްޖޭގެ ޑިމޮކްރަސީ ކުރިއެރުވުމަށް ކުރެވޭ އިތުރު މަސައްކަތެއްކަމަށާއި، އެޕާޓީން އަބަދުވެސް މަސައްކަތްކުރާނީ ކުރިމަތިލާ ކޮންމެ އިންތިޚާބެއްގައިވެސް ރައްޔިތުންގެ ބަސް އެންމެ ފުރިހަމައަށް ބުނެވޭނެ މަގުފަހިކުރުމަށްކަމަށެވެ. އެމްޑީޕީން މިދައްކާ ނަމޫނާ އަކީ ރާއްޖޭގެ ޑިމޮކްރަސީގެ ހަޔާތުގައި މުހިއްމު ކަންތައްތަކެއްކަމަށާއި، ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި އޭގެ ނަތީޖާ ވަރަށް ސާފުކޮށް ފެނިގެންދާނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"އަޅުގަނޑު އެދެނީ އަދި އަޅިގަނޑު ބޭނުންވަނީ ސަރުކާރަށް ތާޢީދުއޮތް، އަޅުގަނޑުމެންގެ ވަޢުދުތައް ފުރިހަމަކުރުމަށް އެއްބާރުލައި، މެޖޯރިޓީއޮތް ރައްޔިތުންގެ މަޖިލީހެއް ކުރިއަށްއޮތް 19ވަނަ ރައްޔިތުންގެ މަޖިލީހުގައި ފެނިގެންދިއުން. ސަރުކާރަށް ތާޢީދުކުރާ މަޖިލީހެއްގެ މުހިއްމުކަން އަޅުގަނޑު ފާހަގަކުރަން" ރައީސް ވިދާޅުވިއެވެ.

ރައީސް ޞާލިޙް ވިދާޅުވީ އެމް.ޑީޕީ ހިމެނޭ ކޯލިޝަނެއްގެ ތެރެއިން އުފެދުނު ވެރިކަމުގައި ވެފައިވާ ވަޢުދުތައް ފުއްދުމަށް މަޖިލީހުގެ ތެރެއިން ސަރުކާރަށް އެއްބާރުލު ދިނުމަކީ، އެމް.ޑީ.ޕީގެ ކެނޑިޑޭޓުންގެ ގޮތުގައި އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓުން ވިސްނަންޖެހޭކަމެއްކަމަށެވެ. އަދި އިންތިޚާބު ކާމިޔާބުކުރުމަށްފަހުވެސް މެންބަރުންގެ ޢަމަލުތައް އެގޮތަށް ހުންނަވާނެކަމަށް އުންމީދުކުރާކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.