ޚަބަރު

އެމް.ޑީ.ޕީ މަޖިލިސް ޕްރައިމަރީ: ވޯޓުލުން ބަންދުވަނީ 21:30 ގައި


އެމް.ޑީ.ޕީ މަޖިލިސް ޕްރައިމަރީގެ ވޯޓުލުން ބަންދުވާ ވަގުތު މިރޭ 21:30އަށް ލަސްކޮށްފިއެވެ.

މިއަދުގެ މެންދުރުފަހު 14:30އިން ފެށިގެން ކުރިއަށްދާ އެޕާޓީގެ ޕްރައިމަރީގައި ކުރިން ވޯޓުލައި ނިމޭ ގަޑީގެ ގޮތުގައި ކަނޑައަޅާފައި އޮތީ މިރޭ 20:30އެވެ. ނަމަވެސް މިހާރުވެސް ވޯޓު ފޮށިތައް ބަހައްޓާފައިވާ ތަންތަނުގައި ގިނަ ބަޔަކު ކިއޫ ހަދައިގެން ތިބިއިރު، އެމް.ޑީ.ޕީން ބުނީ 9:30 އަށް ވޯޓުލުން ނިންމާލިނަމަވެސް ކިއޫގައި މީހުން ތިބިނަމަ އެބަޔަކު ވޯޓުލައި ނިމެންދެން ވޯޓުލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށެވެ.

މާލެއާއި ރާއްޖޭގެ ހުރިހާ ރަށެއްގެ އިތުރުން އިންޑިއާގެ ތިރުވަނަންތަ ޕޫރަމާއި، ސްރީލަންކާ އާއި މެލޭޝިޔާގައި އެމް.ޑީ.ޕީ މަޖިލިސް ޕްރައިމަރީގެ ވޯޓުލުން ކުރިއަށްދާނެކަން އެޕާޓީން ވަނީ ކުރިން ހާމަކުރައްވާފައެވެ.

އެމް.ޑީ.ޕީ މަޖިލިސް ޕްރައިމަރީގައި ޖުމްލަ ދުއިސައްތަ ހަތްދިހަ ވޯޓު ފޮށި ބަހައްޓާފައިވާއިރު، ވޯޓުލުން ރާއްޖޭގެ ކޮންމެ ރަށެއްގައި ކުރިއަށް ގެއްދިއުމަށް ކޮންމެ ރަށަކުން ސްކޫލެއް ލިބިފައިވާކަމަށާއި ނަމަވެސް ކެނޑިޑޭޓުން މައްސަލަ ނުޖައްސާނަމަ އެރަށެއްގައި ހުންނަ އެޕާޓީގެ ހަރުގޭގައިވެސް ވޯޓުލުން ކުރިއަށް ގެންދިއުމަށް އެމްޑީޕީން އޮތީ ނިންމާފައެވެ.

މަޖިލިސް އިންތިޚާބުގައި އެމް.ޑީޕީން ވާދަކުރާނެ ކެނޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީގައި އަށްޑިހަ ހަ ހާހަށްވުރެ ގިނަ މެންބަރުންނަށް ވޯޓު ދިނުމުގެ ފުރުސަތު ލިބިގެންދާއިރު ޖުމްލަ ދުއިސައްތަ ހަތްދިހަ ނުވަ މީހަކު ޕްރައިމަރީގައި ވާދަކުރާކަމަށް އެމްޑީޕީން މަޢުލޫމާތުދެއެވެ.