ޚަބަރު

ރޭ މާލޭގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި އެކަކު އޮޕަރޭޝަން ކުރަނީ


ސެނަހިޔާ ކައިރިން ރިންގ ރޯޑުގައި ރޭހިނގި އެކްސިޑެންޓުގައި އަނިޔާލިބުނު ތިން މީހުންގެ ތެރެއިން އެކަކަށް ލިބުނު އަނިޔާތަކާ ގުޅިގެން މިއަދު އޮޕަރޭޝަން ކުރާނެ ކަމަށް އޭ.ޑީ.ކޭ ހޮސްޕިޓަލުން ބުނެފިއެވެ.

ރޭ ހިނގި މިއެކްސިޑެންޓުގައި އަނިޔަވި 3 މީހަކަށް އައިޖީއެމްއެޗްގައި ފަރުވާދީފައިވާއިރު އެތަނުން އެކަކަށް ލިބުނު އަނިޔާއާ ގުޅިގެން ނިއުރޯ ސަރޖަރީއެއް ހަދަންޖެހޭކަމަށް ބެލެވޭތީ، އޭނާ ވަނީ އޭޑީކޭ ހޮސްޕިޓަލަށް ބަދަލުކޮށްފައެވެ.

ޕީ.އެސް.އެމް ނިއުސްއަށް މައުލޫމާތުދެއްވަމުން އޭ.ޑީ.ކޭ ހޮސްޕިޓަލިގެ މެމޭޖިންގ ޑިރެކްޓަރ އަޙްމަދު އައްފާލް ވިދާޅުވީ، އެކްސިޑެންޓުގައި އަނިޔާލިބުނު އެކަކަށް އެ ހޮސްޕޮޓަލުގައި ފަރުވާދެމުންދާ ކަމަށެވެ. އަދި އެމީހާގެ އިތުރު ޓެސްޓުތަކެއް ހެދުމުގެ މަސައްކަތް ކުރަމުންދާކަމަށާ، މި ޓެސްޓްތަކަށްފަހު އޮޕަރޭޝަން ކުރުމަށް ހަމަޖެހިފައިވާކަމަށް އައްފާލް ވިދާޅުވިއެވެ. އެކްސިޑެންޓުގައި އަނިޔާވި އަނެއް ދެމީހުންގެ ހާލު މިހާރު ރަނގަޅުވަމުން އަންނަ ކަމަށް އައިޖީއެމްއެޗުން މަޢުލޫމާތުދެއެވެ.

ރޭގެ އެކްސިޑެންޓުގައި 17 އަހަރުގެ ކުއްޖަކަށާއި، 19 އަހަރުގެ ޒުވާނަކަށާއި 21 އަހަރުގެ ޒުވާނަކަށް އެކިވަރުގެ އަނިޔާ ވެފައިވެއެވެ. މި އެންމެންނަކީވެސް ފިރިހެނުންކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.

ދެ ސައިކަލް ޖެހި ހިނގި މި އެކްސިޑެންޓް ހިނގިއިރު، އެއް ސައިކަލް ދުއްވަން އިނީ 17 އަހަރުގެ ކުށްޖެއް ކަމަށާ، އަނެއް ސައިކަލް ދުއްވަން އިނީ ލައިސަންސްވެސް ނެތް މީހެއްކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.

ސެނެހިޔާ ކައިރީގައި ރޭ އެކްސިޑެންޓެއް ހިނގައި 3 މީހަކަށް އަނިޔާވެފައިވާއިރު، އިއްޔެ މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި 17 އަހަރުގެ ކުއްޖަކު ވަނީ މަރުވެފައެވެ.