ޚަބަރު

ދީނަށް ފުރައްސާރަކުރާ މީހުން ހޯދައި އެކަން ހުއްޓުވުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން ފަށައިފި


އިސްލާމްދީނަށް މަލާމާތްކޮށް ފުރައްސާރަ ކުރާ ފަރާތްތައް ހޯދައި ކަމާބެހޭ މުއައްސަސާތައް ގުޅިގެން އެކަންކަން ހުއްޓުވަން މަސައްކަތްކުރާނެކަމަށް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އިސްލާމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވަނީ މިހާރަކަށް އައިސް ބައެއް ފަރާތްތަކުން ނޫސް މަޖައްލާތަކާއި، ސޯޝަލް މީޑިޔާއާއި، ވެބްސައިޓުތަކާއި، އަދި ޢާއްމު ތަންތަނުގައި އިސްލާމްދީނާއި ގުޅޭގޮތުން ޞައްޙަ ނޫން ދޮގު މަޢުލޫމާތު ފަތުރައި، އިސްލާމްދީނަށް މަލާމާތާއި ފުރައްސާރަ ކުރަމުންދާ ކަމުގެ ޝަކުވާތައް ލިބެމުންދާކަމަށެވެ.

މިނިސްޓްރީގެ ބަޔާނުގައި ވިދާޅުވެފައިވަނީ، ފޮރުވިގެންތިބެ ދީނުގެ ނަމުގައި ހަރުކަށިކަމާއި އަނިޔާވެރިކަމަށް ހިތްވަރުދީ، މީހުންގެ މުދަލާއި ފުރާނައަށް، ޝަރުޢީ ހަމަތަކުން ބޭރުން ގެއްލުންދޭނެ ކަމުގެ އިންޒާރުދިނުން ފަދަ، އިސްލާމްދީން އެކަންކަމުން ބަރީޢަވެގެންވާ ކަންކަން ކުރާ ފަރާތްތަކާއި، އިސްލާމްދީނަށް މަލާމާތްކޮށް ފުރައްސާރަ ކުރާ ފަރާތްތައް ހޯދައި ކަމާބެހޭ މުއައްސަސާތައް ގުޅިގެން އެކަންކަން ހުއްޓުވަން މަސައްކަތްކުރާނެކަމަށެވެ.

އަދި ދިވެހި ދައުލަތުގެ ދީނަކީ އިސްލާމްދީން ކަން ޤާނޫނުއަސާސީގައިވެސް ބަޔާންކޮށްފައިވާއިރު، އިސްލާމްދީނުގެ އަސްލަކާ ޚިލާފު އެއްވެސް ވާހަކައެއް ދިވެހިރާއްޖޭގެ ރައްޔިތުންގެ މެދުގައި ދައްކައި، އެފަދަ ވާހަކަތައް ފެތުރުމަކީ ޒަމާނުއްސުރެ ދިވެހިންގެ މެދުގައި އޮތް އިސްލާމީ އެއްބައިވަންތަކަމަށް ބުރޫ އަރައި، އިސްލާމީ ވަޙުދަތު ގެއްލިގެންދާނެ ކަމެއްކަމަށްވެސް މި ބަޔާނުގައިވެއެވެ.

މީގެ އިތުރުން، ޝަރުޢީ މައްސަލަތައް އޮޅުން ފިލުވުމަށްޓަކައި ދީނީ ޢިލްމުވެރިންނާއި ސުވާލު ކުރުމަށާއި މީހުންގެ މެދުގައި އޮޅުން އަރާފަދަ ގޮތް ގޮތަށް ސޯޝަލް މީޑީއާގައި ދީނުގެ ޙުކުމްތަކާ ބެހޭގޮތުން ނޭނގި ތިބެ ބަޙުސްކޮށް ނުހެދުމަށްވެސް މިނިސްޓްރީން ވަނީ ނަސޭހަތްތެރިވެފައެވެ. އަދި މިފަދަ ވާހަކަތަކަށް ޖަވާބު ދިނުމުގައިވެސް ދަޢުވަތުގެ ރިވެތި އުސޫލުތަކުގައި ހިފުމަށް މިނިސްޓްރީން ވަނީ އިލްތިމާސް ކުރައްވާފައެވެ

އިސްލާމިކް މިނިސްޓްރީން ވަނީ، ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ޤާނޫނުގައިވާ ގޮތުގެ މަތިން ދިވެހިރާއްޖޭގެ އިސްލާމީ ވަޙްދަތު ހިފެހެއްޓުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުން ގެންދިޔުމަށް ކަމާބެހޭ މުއައްސަސާތަކަށްވެސް އިލްތިމާސްކުރައްވާފައެެވެ. އަދި ދިވެހި އިސްލާމީ އުންމަތުގެ ސަފުތައް ރޫޅިގެންދާ ފަދަ އެއްވެސް ވާހަކައެއް ނުދެއްކުމަށްވެސް އިސްލާމިކް މިނިސްޓްރީން ވަނީ ދިވެހި ރައްޔިތުންނަށް ނަސޭހަތްތެރިވެފައެވެ.