ޚަބަރު

ރާއްޖެއާއި އިނގިރޭސިވިލާތުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޖިލިސް ރައީސް މަޝްވަރާ ކުރައްވައިފި


ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދުއޮތް ގުޅުން އިތުރަށް ބަދަހި ކުރެވިދާނެ ގޮތްތަކާބެހޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ޤާސިމް އިބްރާޙީމްއާއި އިނގިރޭސިވިލާތުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖޭމްސް ޑޯރިސް މަޝްވަރާ ކުރައްވައިފިއެވެ.

މި ކަމާ ބެހޭގޮތުން މަޝްވަރާ ކުރައްވާފައިވަނީ، އިނގިރޭސި ސަފީރު ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހަށް މިއަދު ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގައެވެ.

މިއަދު ހެނދުނު ރައްޔިތުންގެ މަޖިލިސްކުރާ ގޭގަ ބޭއްވެވި މިބައްދަލުކުރެއްވުމުގައި ރައްޔިތުންގެ މަޖީލީހުގެ ރައީސް ދެއްކެވި ވާހަކަފުޅުގައި، ޒަމާނުއްސުރެ ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު އޮންނަ ވަރުގަދަ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން ރާއްޖޭގައި އިނގިރޭސިވިލާތުގެ އެމްބަސީއެއް ހުޅުވުމަށް ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވާ އެމަނިކުފާނު ވަނީ އިނގިރޭސި ސަފީރަށް މަރުޚަބާ ވިދާޅުވެފައެވެ. އަދި ދިވެހިންނަށް ފަސޭހައިން އިނގިރޭސި ވިސާ ލިބޭނެ އިންތިޒާމް ހަމަޖައްސަވާފައިވާތީ، އެކަން ފާހަގަކުރައްވާ މަޖިލީހުގެ ރައީސް ވަނީ އިނގިރޭސި ސަރުކާރަށާއި ސަފީރަށް ޝުކުރު އަދާކުރައްވާފައެވެ.

މީގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަނީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކާއިބެހޭ ގޮތުންވެސް ސަފީރަށް މަޢުލޫމާތު ދެއްވާފައެވެ. އަދި ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއިބެހޭ ގޮތުންވެސް ދެ ބޭފުޅުން މަޝްވަރާ ކުރައްވާފައިވެއެވެ.

މި ބައްދަލުކުރެއްވުމުގައި އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖޭމްސް ޑޯރިސް ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު އޮތް ރަހުމަތްތެރި ގުޅުން އެކިދާއިރާތަކުން ކުރިއަށްއޮތްތަނުގައި އިތުރަށް ބަދަހި ކުރުމަށް މަސައްކަތް ކުރައްވާނެކަން ވަނީ ފާހަގަކުރައްވާފައެވެ. އަދި ރާއްޖެއަކީ އިނގިރޭސި ފަތުރުވެރިންގެ މެދުގައި މަޤުބޫލު މަންޒިލެއްކަން ފާހަގަކުރައްވާ، އިނގިރޭސިވިލާތުން ރާއްޖެއަށް އަބަދުވެސް އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަޤީންކަންވެސް ސަފީރު ވަނީ އަރުވާފައެވެ.