ޚަބަރު

އިޖްތިމާޢީ ބޮޑެތި މައްސަލަތައް ހައުލުކުރުމަށް މަދަނީ ޖަމިއްޔާތައް ބާރުވެރިކުރަނީ


ރާއްޖެއަށް ދިމާވެފައިވާ އިޖްތިމާޢީ ބޮޑެތި މައްސަލަތައް ހައްލުކުރުމުގައި މަދަނީ ޖަމްޢިއްޔާތަކުގެ އެހީތެރިކަމާއެކު ރަނގަޅު ނަތީޖާއަކަށް ވާސިލުވެވޭނެކަމަށް ސަރުކާރުން ޤަބޫލުކުރާކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ފުރަތަމަ ސަތޭކަ ދުވަހުގެ ތެރޭގައި ކުރުމަށް ނިންމާފައިވާ މަސައްކަތަކުގެ ތެރޭގައި ހިމެނޭ ޖަމިއްޔާތަކުގެ ފޯރަމް ފެށުމުގެ ތައްޔާރީތަކަާއި ގުޅޭގޮތުން މިނިސްޓްރީ އޮފް ހޯމް އެފެއާޒާއި، މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްއާއި މަޖަނީ ޖަމިއްޔާތައް ގުޅިގެން ބާއްވާ މި ފޯރަމާއިގުޅޭ މައުލޫމާތު މިއަދުވަނީ މީޑިއާތަކާއި ހިއްސާކޮށްފައެވެ.

ހަވެލި ފޯރަމާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވީ މަދަނީ މުޖްތަމިއްޔާތައް ބާރުވެރިކުރުވުމަކީ އަދުގެ ސަރުކާރުން މުހިއްމު ސިޔާސަތެއްކަމަށާއި، ރާއްޖެއަށް މިއަދު ދިމާވެފައިވާ އިޖްތިމާޢީ އަދި އިގްތިސާދީ ގޮންޖެހުންތައް ހައްލުކުރުމަށް މަދަނީ ޖަމިއްޔާ ޖަމާއަތްތަކާއި ގުޅިގެން މަސަކަތްކުރުމަކީ މުހިއްމުކަމެއްކަމަށް ސަރުކާރަށް ގަބޫލުކުރެވޭ ކަމަށެވެ.

ހޯމް މިނިސްޓަރ ވިދާޅުވީ "ހަވެލީ" މިނަމުގައި ބާއްވާ މިފޯރަމްގެ ސަބަބުން ޖަމިއްޔާތަކުގެ ހިންގުން ހަރުދަނާކުރުމަށް އެހީތެރިވެދެވޭނެކަމަށާއި، ޖަމިއްޔާތަކުގެ މަސައްކަތްތައް މިހާރަށްވުރެ ބޮޑަށް ހާމަވެ، ހަރަކާތްތައް ހިންގުމަށް މާލީއެހީތެރިކަން ލިބޭނެ މަގުފަހިވެގެންދާނެކަމަށެވެ.

"އަޅުގަނޑުމެން ސަރުކާރުން ޚާއްސަކޮށް ޖަމިއްޔާ ޖަމާޢަތްތަކާއި ގުޅޭ މަދަނީ މަސައްކަތްތައް ރާވާ ކުރިއަށް ގެންދާނީ އެމުއައްސަސާތަކާއެކު އެކުވެރި މާހައުލެއްގައި. ނަތީޖާއަކަށް ވާނީ މަދަނީ ޖަމިއްޔާތަކާއި، މުއްސަސާތައް ބާރުވެރިކުރެވި ސަރުކާރު ހިންގުމުގައި އެކަށީގެންވާފަދަ ރަނގަޅު ނަތީޖާއަކާއި ހަމައަށް ވާސިލުވެގެން ދިއުން"

ކުރިން ހޯމް މިނިސްޓްރީގެ ބެލުމުގެ ދަށުން މަދަނީ ޖަމިއްޔާތަކުގެ ކަންކަން ބަލަހައްޓަވަމުން ދިޔަނަވެސް ސަރުކާރުގެ އޮނިގަނޑަށް ގެނައި ބަދަލުތަކާއެކު މިހާރު ޖަމިއްޔާތަކުގެ ކަންކަން ބަލަހައްޓަވަމުން ގެންދަވަނީ މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުންނެވެ.

މިނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޚްލޫފް ވިދާޅުވީ، ސަރުކާރުގެ 100 ދުވަހުގެ ތެރޭގައި ނިންމުމަށް ކަނޑައަޅާފައިވާ ވައުދުތަކުގެ ތެރޭގައި ޖަމިއްޔާ ޖަމާއަތްތަކާއި ގުޅޭ މުހިއްމު ދެކަމައް ހިމެނޭކަމަށާއި، އެކަންކަން ކުރުމަށް ރާވާފައިވަނީ ހޯމް މިނިސްޓްރީއާވެސް ގުޅިގެންކަމަށެވެ. މިނިސްޓަރ މަޚްލޫފް ވިދާޅުވީ ޖަމިއްޔާތަކާއި ގުޅިގެން ކުރަން މިފެށޭ މަސައްކަތްތަކަކީ ފެށުމެއްކަމަށާއި، އިޖްތިމާއީ މައްސަލަތައް ހައްލުކުރުމުގައި ފުރިހަމަ ކާމިޔާބީތަކެއް ލިބޭނެކަމަށް ގަބޫލުކުރައްވާކަމަށެވެ.

"އަޅުގަނޑުމެންގެ މުޖުތަމައުގެ ކަންކަމުގައި ވަރަށް ބޮޑު ދައުރެއް އަދާކުރާބައެއް މަދަނީ ޖަމިއްޔާތަކަކީ. ރަނގަޅު ކާމިޔާބީތަކާއި، ނަތީޖާ ނެރެދޭބައެއް. މިކަމުގައި އަޅުގަނޑަށް ހީވަނީ އަޅުގަނޑުމެން އެހީތެރިކަމާއި އެއްބާރުލެއްވުން ދެވިއްޖެކަމަށްވާނަމަ، އިތުރު ފުރިހަމަ ކަމެއް މިކަމަށް ލިބިގެންދާނެ" މަޚްލޫފް ވިދާޅުވިއެވެ.

އަންނަ މާޗް މަހުގެ 16، 17 އަދި 18 މިތިން ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި ފޯރަމް ނިމިގެންދާއިރު، ޖަމިއްޔާތަކުގެ ގުޅިގެން މަސައްކަތްކުރުމުގެ މާހައުލެއް ޤާއިމްކުރުމުގެ ކުރިވިގެންދާނެކަމަށާއި، ޖަމިއްޔާތަކަށް މާލީ އެހީތެރިކަން ލިބޭނެ މަގުތަނަވަސްވެ، ޤައުމުގެ ކަންކަން ކުރިއަރުވައި ތަރައްޤިކުރުމަށް މަސައްކަތްކުރާ ބަޔަކަށް ހުރިހާ ޖަމިއްޔާތައް ބަދަލުވެގެންދިއުމާކީ އަމާޒެއްކަމަށް މިކަން އިންތިޒާމްކުރާ ފަރާތްތަކުން ބުނެއެވެ.

ތިން ދުވަހުގެ މުއްދަތަކަށް ދަރުބާރުގޭގައި ކުރިއަށްގެންދާ ފޯރަމްގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްސަ އިންތިޒާމްތަކެއް ހަމަޖެހިގެންދާއިރު، މިއީ މިހާތަނަށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެންމެ ފަސޭހައިން އެކްސަސިބިލިޓީ ލިބިގެންދާނެ ފެއަރއަކަށް ވެގެންދާނެކަމަށް އިންތިޒާމްކުރާފަރާތުން ބުނެއެވެ.

މާލޭގެ އިތުރުން ރާއްޖޭގެ އެކި ރަށްރަށުގެ ޖަމިއްޔާ ޖަމާއަށްތަކަށްވެސް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ މި ފޯރަމްގައި ބައިވެރިވުމަށް އެދޭ ފޯމް ހޯމް މިނިސްޓްރީ އާއި ޔޫތް މިނިސްޓްރީން ލިބެން ހުންނާނެކަމަށާއި ރަށްރަށުގެ ކައުންސިލްތައް މެދުވެރިކޮށްވެސް ފެއަރގައި ބައިވެރިވުމަށް ފޯމު ހުށައެޅޭނެކަމަށް އިންތިޒާމް ކޮމެޓީން މައުލޫމާތުދެއެވެ.

"ހަވެލީ" ގައި ބައިވެރިވާން ބޭނުންވާ ޖަމިއްޔާތަކުން މިމަހުގެ 31 ވަނަ ދުވަހުގެ ރަސްމީ ގަޑި ނިމުމުގެ ކުރިން އެކަމަށް އެދޭ ފޯމްހުށައެޅުމަށާއި، ފުރުސަތު ދިނުމުގައި އިސްކަންދޭނީ ފޯމް ހުށައަޅާ ތަރުތީބުންކަމަށް އިންތިޒާމްކޮމެޓީން ވަނީ ބުނެފައެވެ.