ޚަބަރު

ޕީއެންސީއަށް ހުއްދަ ނުދޭ މައްސަލަ ކޮމިޓީއަށް ހުށަހަޅާނަން - ނިހާން


ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ރަޖިސްޓްރީ ކޮށްނުދޭން އިލެކްޝަންސް ކޮމިޝަނުން ކަންކުރާކަމަށް ތުހުމަތުކުރައްވައި އެމައްސަލަ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއަށް ހުށަހަޅަން ނިންމަވާފައިވާކަމަށް ޕީއެންސީ އުފެއްދުމުގެ މަސައްކަތުގައި އިސްކޮށް އުޅުއްވާ ޕީޕީއެމްގެ ޕާލަމެނޓްރީ ގްރޫޕުގެ ލީޑަރު އަޙްމަދު ނިހާން ހުޞައިން މަނިކު ވިދާޅުވެއްޖެއެވެ.

ޕީއެންސީ އުފެއްދުމުގެ މަސައްކަތުގައި އުޅުއްވާ ބޭފުޅުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނިހާން ވިދާޅުވީ ކޮންގްރެސް ޕާޓީއާމެދު އީސީން ވަރަށް ބޮޑު ތަފާތުކުރުމެއް ގެންގުޅޭ ކަމަށާއި އެ ޕާޓީ ރަޖިސްޓްރީ ކުރުމަށް ހުށަހެޅި ފޯމްތައް ބާޠިލުކޮށްފައިވަނީ އުސޫލުން ބޭރުން އެއްވެސް ހަމައެއް ލަމައެއްނެތި ކަމަށެވެ. އަދި އެއީ މިނިވަން މުއައްސަސާއެއްގައި ހުންނަންޖެހޭނެ ސިފައެއް ނޫން ކަމަށްވެސް ނިހާން ވިދާޅުވިއެވެ.

"ޕީއެންސީ ރަޖިސްޓްރީ ކުރަން ހުށަހެޅި ފޯމްތައް ބަލައި ފާސް ކުރަމުން ދަނީ މީގެ ކުރިން އެކަން ނުކުރާ ވަރަށް. ކޮންމެ ފޯމެއްގެ ހެކިވެރިޔާއަށް ވެސް އެބަގުޅާ. ހެކިވެރިޔާ ފޯނު ނުނަގައިފި ނަމަ އެ ފޯމެއް ބާތިލުކޮށްލާ. އެއީ ޖެއްސުމުގެ ޢަމަލެއް، އީސީން ދަނީ ގަސްތުގައި ކޮންގްރެސް ޕާޓީއަށް ތާށި ކުރަމުން." ނިހާން ވިދާޅުވިއެވެ.

ނިހާން ވިދާޅުވީ އީސީ ހަރުދަނާ ކުރުމުގެ މަސައްކަތް ފަށާފައިވާކަމަށާއި އެގޮތުން މަޖިލީހުގެ ރައީސް ޤާސިމް އިބްރާހީމާ ބައްދަލުކުރައްބައި އެކަމުގައި މަޝްވަރާ ކުރައްވާފައިވާނެކަމަށެވެ. އަދި އެކަން މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއަށް ހުށަހަޅަން މިހާރު ނިންމަވާފައިވާކަން ނިހާން ފާހަގަ ކުރެއްވިއެވެ.