ޚަބަރު

ޕްރީ ސްކޫލެއްގެ އޮފީހުން ފައިސާތަކެއް ވަގަށް ނަގައިފި


ހައްދުންމަތީ ގަމުގައި ހުންނަ ލާމު ޕްރީސްކޫލުގެ އޮފީސް ފަޅާލުމަށްފަހު އެތަނުން ގިނަ ފައިސާތަކެއް ވަގަށް ގެންގޮސްފިއެވެ.

ފުލުހުންގެ ވިދާޅުވީ ގަމުގައި ހުންނަ ލާމް ޕްރީ ސްކޫލުގެ އޮފީސް ފަޅާލުމަށްފަހު ފައިސާތަކެއް ވަގަށް ގެންދިޔަ ކަމުގެ މަޢުލޫމާތު މިއަދު ހެނދުނު 06:45 ގައި ރިޕޯޓް ކޮށްފައިވާ ކަމަށާއި އެކަން ކޮށްފައި ވަނީ ރޭ ދަންވަރު ކަމަށެވެ.

ފުލުހުން ވިދާޅުވީ ލާމް ޕްރީ ސްކޫލުގެ އޮފީހުން ވައްކަން ކޮށްފައިވަނީ އެތަނުގެ ކުޑަ ދޮރެއް ފަޅާލައިގެން އެތެރެއަށް ވަދެގެން ކަމަށެވެ. އެހެން ނަމަވެސް އެތަނުން ވަގަށް ގެންގޮސްފައި ވަނީ ކިހާ ފައިސާއެއް ކަމެއް ފުލުހުން ހާމައެއް ނުކުރައްވައެވެ.

މިމައްސަލަ އާއި ގުޅިގެން އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާއިރު، ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.