ޚަބަރު

ޕީއެންސީ އުފެއްދުމުގެ ޖަލްސާ ބާއްވަން އީސީން ހުއްދަ ދީފި


ޕީޕަލްސް ނޭޝަނަލް ކޮންގްރެސް، ޕީއެންސީ އުފެއްދުމުގެ ޖަލްސާ ބާއްވަން އިލެކްޝަންސް ކޮމިޝަނުން ހުއްދަ ދީފިއެވެ.

ޕީއެންސީގެ މުޢައްސިސް އަދި ފޮނަދޫ ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެންބަރ ޢަބްދުއްރަޙީމް ޢަބްދުﷲ ޕީއެސްއެމް ނިއުސްއަށް މިއަދު ވިދާޅުވީ މިއަދު މެންދުރުފަހުގެ ވަގުތެއްގައި ޕީއެންސީ އުފެއްދުމުގެ ޖަލްސާ ބޭއްވުމުގެ ހުއްދަ އިލެކްޝަނުން ދީފައިވާ ކަމަށެވެ.

ޕީއެންސީ އުފެއްދުމަށް ޖަލްސާ ބޭއްވުމުގެ ހުއްދަ ދީފައި މިވަނީ އެ ޕާޓީ އުފެއްދުމަށް ކުރަމުންދިޔަ މަސައްކަތަަށް އީސީން ހުރަސް އަޅާ ކަމަށް ތުހުމަތުކޮށް ޕީޕީއެމް އާއި ޕީއެންސީގައި އިސްކޮށް އުޅުއްވާ ބޭފުޅުން ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.

މީގެ އިތުރުން ޕީއެންސީ އުފެއްދުމަށް އީސީން ހުރަސްއަޅާކަމަށް ވިދާޅުވެ ޕީއެންސީއާއި ޕީޕީއެމްގެ މެމްބަރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމާއި ބައްދަލުކުރައްވާ ވަނީ މަޝްވަރާ ކުރައްވާފައެވެ. އަދި ޕީއެންސީ މައްސަލާގައި ޤާސިމް އިބްރާޙީމް ވަނީ އިލެކްޝަން ކޮމިޝަންގެ މެންބަރު އިސްމާޢީލް ޙަބީބަށް ގުޅުއްވާ ވާހަކަފުޅުދައްކަވާފައެވެ.

ސިޔާސީ ޕާޓީއެއް އުފެއްދުމަށް ބާއްވަން ޖެހޭ ބައްދަލުވުން ބޭއްވުމަށް ހުއްދަ ދޭނީ 3000 މީހުންގެ ފޯމު ހުށަހަޅާ، ވެރިފައި ކުރެވުމުންނެވެ. އިލެކްޝަންސްގެ ދަފުތަރުގައި ޕާޓީ ރަޖިސްޓްރީ ކޮށްދޭނީ ބައްދަލުވުން ބޭއްވުމުންނެވެ.

ޕީއެންސީ އަކީ ކުރީގެ ރައީސް ޔާމީން އިސްވެ ހުންނަވައިގެން އުފެއްދުމަށް މަސައްކަތް ކުރައްވާ ޕާޓީއެކެވެ. އަދި އެޕާޓީ އުފެއްދުމަށް އިސްކޮށް މަސައްކަތް ކުރައްވަމުން ގެންދަވަނީ ޕީޕީއެމްގެ ލީޑަރ ޝިޕްގައި ތިއްބެވި ބޭފުޅުންނެވެ.