ޚަބަރު

ރާއްޖެއާ އިންޑިއާގެ ދިފާޢީ ގުޅުން ބަދަހިކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށްފި


ރާއްޖެއާ އިންޑިއާއި ދެޤައުމުގެ މެދުގައި އުފެދިފައިވާ ދިފާޢީ ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭގޮތުން ރާއްޖޭގެ ޑިިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީއާއި އިންޑިއާގެ ދިފާއީ ވަޒީރު ނިރުމަލާ ސިތާރަމަންއާ މަޝްވަރާކުރައްވައިފިއެވެ.

މިމަޝްވަރާކުރުން ކުރިއަށް ގެންގޮސްފައިވަނީ ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ އިންޑިއާއަށް މިހާރު ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގައި އެޤައުމުގެ ވެރިރަށް ނިއުދިއްލީގައެވެ.

ދިއްލީގެ ސައުތު ބްލޮކްގައި ބޭއްވި މަރުހަބާދެންނެވުމުގެ ރަސްމިއްޔާތުގައި އެކަމަނާގެ ޝަރަފްގައި އެރުވި ގާޑްއޮފް އޮނަރ އެއް މިނިސްޓަރ ވަނީ އިންސްޕެކްޓްކޮށްދެއްވާފައެވެ.

މިރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީއަށް މަރުހަބާ ވިދާޅުވީ އިންޑިއާގެ ޑިފެންސް މިނިސްޓަރ ނިރުމަލާ ސިތާރަމަންއެވެ. އެއަށްފަހު ދެޤައުމުގެ ޑިފެންސް މިނިސްޓަރުން ވަނީ ބައްދަލުކުރައްވައި އަސްކަރީ ގުޅުން ބަދަހިކުރުމާއި، ދެޤައުމު ހިއްސާކުރާ ކަނޑުގެ ސަރަހައްދުތައް ރައްކާތެރިކޮށް ބެލެހެއްޓުމުގެ މުހިއްމުކަމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

ހަފްތާއެއްގެ މުއްދަތަށް ޑިފެންސް މިނިސްޓަރ އިންޑިއާއަށް ކުރައްވާ މިދަތުރުފުޅުގައި، ދެޤައުމުގެ ކަނޑުގެ ސަރަހައްދުގެ ކޯސްޓަލް ސަވައިލަންސް ރާޑަރ ސިސްޓަމް ޕްރޮޖެކްޓް އާކުރުމަށް ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ފެށި މަޝްވަރާތައް ދެޤައުމުން އަލުންފައްޓަވާނެކަމަށް އިންޑިއާގެ ބައެއް މީޑިއާތަކުގައި ވަނީ ޚަބަރުފަތުރާފައެވެ.

ޑިފެންސް މިނިސްޓަރުގެ މި ދަތުރުފުޅުގައި، އެ މިނިސްޓްރީގެ އިންޓަރނޭޝަނަލް ޑިފެންސް ކޯޕަރޭޝަން އެންޑް ޕޮލިސީ ޑިޕާޓްމަންޓްގެ ޑެޕިޔުޓީ ޑައިރެކްޓަރ ޖެނެރަލް ކާނަލް ޢަބްދުލްމަތީން އަޙްމަދާއި، އެމްއެންޑީއެފް ކޯސްޓްގާޑުގެ ޕްރިންސިޕަލް ޑައިރެކްޓަރ ލެފްޓިނެންޓް ކާނަލް މުޙައްމަދު ސަލީމް ބައިވެރިވެރިވެވަޑައިގަންނަވައެވެ.