ޚަބަރު

ފެނާއި ނަރުދަމާއާއި މަގުތަކުގެ މަޝްރޫޢުތައް އަންނަ ހަފްތާގައި ބިޑަށް ހުޅުވާލާނެ - ރައީސް


ސަރުކާރުން ކުރިއަށްގެންދަން ރާވާފައިވާ ތަރައްޤީގެ މަޝްރޫޢުތަކުގެ ތެރެއިން ފެނާއި ނަރުދަމާގެ މަޝްރޫޢުތަކާއި މަގުހެދުމުގެ ހުރިހާ މަޝްރޫޢެއް އަންނަ ހަފްތާގައި ބިޑަށް ހުޅުވާލާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގަތީ ޤައުމަށާއި ރައްޔިތުންނަށް މުޅިން އައު އުންމީދުތަކާއި، އައު ކުރިއެރުންތަކެއް ގެނެސްދެއްވާނެކަމަށް ވިދާޅުވެ ވަޢުދުވެވަޑައިގަންނަވަމުންނެވެ.

ވެރިކަން ބަދަލުވެ އައު ސަރުކާރެއްގެ ބެލުމުގެ ދަށުން ޤައުމު ހިންގަން ފެށިތާ މިވީ ދެމަހާއި ދުވަސްކޮޅުތެރޭގައި ސަރުކާރުން ތައްޤީގެ މަޝްރޫޢުތައް ނުފެށި ލަސްވަމުންދަނީ ކީއްވެތޯ ސިޔާސީ ބައެއް ފަރާތްތަކުން ސުވާލުއުފައްދައެވެ. އަދި މިއަހަރުގެ ބަޖެޓްގައި ހިމަނާފައިވާ މަޝްރޫޢުތައް ނުފެށި ލަސްވާކަމުގެ ޝަކުވާތައްވެސް ދަނީ އަޑުއިވެމުންނެވެ.

މިސުވާލުތަކަށް ރައީސުލްޖުމްހޫރިއްޔާ މިވަނީ ޖަވާބުދެއްވާފައެވެ. ސަރުކާރުގެ ހިންގުމުގެ ކަންކަމާއި ޤައުމު ހިންގުމުގެ ބައެއް ކަންކަމުގައި ސަރުކާރުގެ ވިސްނުންފުޅު ހުރިގޮތް ހާމަކުރެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ ރައްޔިތުންނާ އެންމެ ގުޅުންހުރި ތަރައްޤީގެ މަޝްރޫޢުތައް ފެށުމަށް ވާންޖެހޭ ތައްޔާރީތައް މިހާރު ގާތްގަނޑަކަށް ނިމިފައިވާކަމަށެވެ. އެގޮތުން މިހިނގާ 2019ވަނަ އަހަރުގެ ބަޖެޓުގައި ހިމެނޭ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް )ޕީއެސްއައިޕީ( ޕްރޮގްރާމްގެ މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތް ވަރަށްއަވަހަށް ފެށިގެންދާނެކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.

"ޕީ.އެސް.އައި.ޕީގެ ގާތްގަނޑަކަށް ހުރިހާ މަޝްރޫޢުތަކާބެހޭ ލިޔެކިއުންތައް ތައްޔާރުކޮށް، ސްޓަޑީ ހަދައި މިހާރު ގާތްގަނޑަކަށް ނިމިފައި މިވަނީ އިންގޭތޯ. އިރާދަކުރެއްވިއްޔާ މިފެށޭ ހަފްތާ ތެރޭގައި ޕީ.އެސް.އައި.ޕީގައި ހިމެނޭ ވޯޓަރ އެންޑް ސްވަރޭޖާއި، މަގުހެދުމާއިބެހޭ ހުރިހާ މަޝްރޫޢެއް ބިޑަށް ހުޅުވާލެވޭނެ" ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވިއެވެ.

ތަރައްޤީގެ މަޝްރޫޢުތައްކަށް ބޭނުންވާ ފައިސާހަމަޖެހިފައިވީނަމަވެސް، މަޝްރޫޢުތައް ނުފެށި ލަސްވެގެންދިޔައީ ކުރީގެ ސަރުކާރުން ފަށާފައިވާ ތަރައްޤީގެ މުހިއްމު މަޝްރޫޢުތަކުގައި ރަނގަޅުކުރަންޖެހޭ ގިނަ ކަންތައްތަކެއް ހުރުމުން ފުރަތަމަ އެކަންކަން އިސްލާޙުކުރުމުގެ ގޮތުންކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ. އެމަނިކުފާނުވަނީ އެގޮތަށްހުރި އެކިމަޝްރޫޢުތަކުގެ މަސައްކަތުގެ މަރުޙަލާގެ ކަންކަން ގޮސްފައިވާ މިންވަރާއި، ބައެއް މަޝްރޫއުތައްވެސް ޙިއްސާކުރައްވާފައެވެ.

"މިސާލަކަށް ދަންނަވާނަމަ އެއަރޕޯޓް، އެއަރޕޯޓުގެ ވަރަށް ބޮޑު ބިޔަޕްރޮޖެކްޓެއް އެދަނީ އިނގޭތޯ. ދާއިރުގައި ރަންވޭ މިހާރު ނިމިފައެއޮތީ. އެހެންނަމަވެސް ޓާމިނަލް ނުނިމިއެއް އެއެއްނެތްވާކަށެއް. ޓާމިނަލްގަ އެޖަހާފައި ހުރި ކޮލަމްތައް ޖަހާނިމުނު އިރުގައި ޓާމިނަލްގައި ނެތް ޕްލޭނެއް. ކުރެހުމެއް ނެތް އަދިވެސް. އެތެރެ އޮންނަންވީގޮތެއް ނޭނގެ މުޅި ޑިޒައިނެއް ނެތް އެހެންވީމަ އެމަސައްކަތް އެބަޖެހޭކުރަން" ރައީސް ޞާލިޙް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި އެއަރޕޯޓުގެ އިތުރުން ސަރުކާރުން ކުރިއަށްގެންދާ ހައުސިންގ މަޝްރޫއުތަކާއި، ފެނާއި ނަރުދަމާގެ މަޝްރޫޢުތަކުގެ އިތުރުން ސަރުކާރުން ރާވާފައިވާ އަދި ފަށަން ތައްޔާރުވެފައިވާ އެތައް މަޝްރޫޢުތަކުގައި ގިނަ މައްސަލަތަކެއް ހުރިކަން ފާހަގަކުރައްވައި، އެފަދަ މައްސަލަތައް ޙައްލުކުރައްވަން މުއްދަތުތަކެއް ހޭދަވާކަން ވަނީ ފާހަގަކުރައވާފައެވެ. މީގެއިތުރުންވެސް ސަރުކާރުގެ ކުންފުނިތަކުގެ ވިޔަފާރިތަށްވެސް ހިންގަނީ ގެއްލުމުގައިކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައެވެ.