ޚަބަރު

ފޮރިންގ މިިނިސްޓަރ ލަންޑަނަށް ވަޑައިގެންފި


ލަންޑަންގެ ފޮރިންގ އޮފީހުގައި ބާއްވާ ޑިމޮކްރަސީއާބެހޭ ބައްދަލުވުމެއްގައި ބައިވެރިވަވަޑައިގަތުމަށް ފޮރިންގ މިނިސްޓަރ އަބްދުﷲ ޝާހިދު އިނގިރޭސިވިލާތަށް ވަޑައިގަންނަވައިފިއެވެ.

ތިން ޤައުމަކަށް ފައްޓަވާފައިވާ ރަސްމީ ދަތުރުފުޅުގައި މިނިސްޓަރ ޝާހިދު މީގެކުރިން ވަނީ ޔޫ.އޭ.އީ އާއި އެމެރިކާއަށް ވަޑައިގެން އެޤައުމުތަކުގައި މުހިއްމު ބައްދަލުވުންތަކެއް ކުރިއަށްގެންދަވާފައެވެ.

ދަތުރުފުޅުގެ އެންމެ ފަހު މަންޒިލެއްގެ ގޮތުގައި މިނިސްޓަރ ލަންޑަނަށް ވަޑައިގެންފައިވާއިރު، ލަންޑަންގެ ފޮރިންގ އޮފީހުގައި ބާއްވާ ޑިމޮކްރަސީއާބެހޭ ބައްދަލުވުމެއްގައި ފޮރިންގ މިނިސްޓަރ ބައިވެރިވަވަޑައިގަންނަވާނެކަމަށާ، އަދި ކޮމަންވެލްތުގެ ސެކްރަޓަރީ ޖެނަރަލާ ބައްދަލުކުރައްވައި ރާއްޖެއިން ކޮމަންވެލްތުގައި އަލުން ބައިވެރިވުމަށް ކުރައްވަމުންގެންދަވާ މަސައްކަތްތައް އަވަސްކުރެއްވުމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ހަމަޖެހިފައިވާކަމަށްވެސް ފޮރިންގ މިނިސްޓްރީން ވިދާޅުވެއެވެ.

މީގެ އިތުރުން އިނގިރޭސިވިލާތުގެ އިސް އޮފިޝަލުންނާއިއެކު މިނިސްޓަރ ޝާހިދު ބައްދަލުކުރެއްވުންތަކެއް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.