ޚަބަރު

މާކުރަތު ވައްކަމާ ގުޅިގެން އިތުރު 2މީހަކު ހައްޔަރުކޮށްފި


ރ.މާކުރަތުގައި ހުރި ސަރުކާރުގެ ތިން އިދާރާއެއް ފަޅާލުމަށްފަހު، ގިނަ ޢަދަދެއްގެ ފައިސާތަކެއް ވަގަށް ގެންދިޔަ މައްސަލައިގެ ތުހުމަތުގައި އިތުރު ދެ މީހަކު ހައްޔަރުކޮށް، އެ މީހުންގެ މައްޗަށް ބަންދުގެ މުއްދަތު ޖަހައިފިއެވެ.

ފުލުހުން ވިދާޅުވީ މާކުރަތުގެ ވައްކަމުގެ ތުހުމަތުގައި އިތުރު ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި ކޯޓު އަމުރެއްގެ ދަށުން އެ ދެ މީހުން ހައްޔަރުކުރީ އެ އަތޮޅު އިނގުރައިދޫއިން ކަމަށެވެ. އަދި އެ ދެމީހުނާއެކު މި މައްސަލައިގެ ތުހުމަތުގައި ފުލުހުންގެ ބަންދުގައި ތިބި ހަ މީހަކަށް ކޯޓުން ބަންދުގެ މުއްދަތު ޖަހާފައިވާ ކަމަށެވެ.

ބުރާސްފަތި ދުވަހުގެ ރޭ މާކުރަތު ކައުންސިލާއި، ސިއްޙީ މަރުކަޒާއި މެޖިސްޓްރޭޓް ކޯޓުން ގިނަ ރުފިޔާތަކެއް ވަގަށް ނެގި ކަމުގެ ތުހުމަތުގައި ރޭ ހައްޔަރުކޮށްފައިވަނީ 34 އަހަރާއި 38 އަހަރުގެ ދެ ފިރިހެނުންނެވެ. އަދި ކުރިން ވަނީ 21 އަހަރުގެ ދެ މީހަކާއި 19 އަހަރުގެ ފިރިހެނަކާއި 62 އަހަރުގެ މީހަކު ހައްޔަރުކޮށްފައެވެ.

ފުލުހުން ވިދާޅުވީ ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ރ.އިންނަމާދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ދެ މީހެއްގެ ބަންދަށް 10 ދުވަސް އަދި އަނެއް ހަތަރު މީހުންގެ ބަންދަށް 15 ދުވަސް ޖަހައިދީފައިވާ ކަމަށެވެ. އެގޮތުން 19 އަދި 21 އަހަރުގެ ދެ މީހުންގެ ބަންދަށް 10 ދުވަސް އަދި ދެންތިބި މީހުންގެ ބަންދަށް 15 ދުވަސް ޖަހާފައިވާ ކަމަށެވެ.

މާކުރަތު ކައުންސިލް މެންބަރު ހުސައިން އިމާދު ވިދާޅުވީ އެކަން ހިންގާފައިވަނީ ބުރާސްފަތި ދުވަހުގެ ރޭގެ ވަގުތެއްގައި ކަމަށެވެ. އެގޮތުން ކައުންސިލް އިދާރައިގެ ތިޖޫރީގައި 83000 ރުފިޔާ ވަގަށް ނަގާފައިވާ ކަމަށެވެ. އަދި ސިއްހީ މަރުކަޒުގައި ހުރި 15000 ރުފިޔާ ވަގަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އެ ރަށުގެ މެޖިސްޓްރޭޓް ކޯޓުންވެސް ވައްކަންކޮށްފައިވާ ކަމަށެވެ.