ޚަބަރު

އިސްލާމިކް މިނިސްޓްރީގެ މަސައްކަތްތައް ނާއިބު ރައީސް ބައްލަވާލައްވައިފި


ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމް، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒަށް ވަޑައިގެން އެވުޒާރާގެ މަސައްކަތްތައް ކުރިއަށް ގެންދާގޮތް ބައްލަވައިލައްވައިފިއެވެ.

އެމަނިކުފާނު އިސްލާމިކް މިނިސްޓްރީއަށް ވަޑައިގެންނެވީ މިއަދު ހެނދުނުއެވެ. އެމަނިކުފާނަށް އިސްލާމިކް މިނިސްޓްރީން ވަނީ ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. ނާއިބު ރައީސް ފައިޞަލް ނަސީމް، ވަނީ އިސްލާމިކް އެފެއާޒަށް ވަޑައިގެން އެމިނިސްޓްރީގެ އިސް ވެރިންނާ ބައްދަލުކުރައްވައި މަސައްކަތްތައް ކުރިއަށް ގެންދިޔުމުގައި މިހާރު ކުރިމަތިވާ ގޮންޖެހުންތަކުގެ މަޢުލޫމާތު އޮޅުންފިލުއްވާފައެވެ.

ނާއިބު ރައީސް ފައިޞަލް ނަސީމް، މިއަދު ކުރެއްވި ޒިޔާރަތުގައި އިސްލާމިކް މިނިސްޓްރީގެ އެކިއެކި ޑިޕާޓްމަންޓްތަކަށް ވަޑައިގެން އެތަންތަނުގެ މުވައްޒަފުންގެ މަސައްކަތްތައްވެސް ބައްލަވާލެއްވިއެވެ. އަދި ވީހާވެސް ބޮޑަށް މަސައްކަތަށް އަހުލުވެރިވުމަށް އެދިވަޑައިގެންނެވިއެވެ.

މީގެ އިތުރުން އިސްލާމިކް އެފެއާޒުގައި ޤާއިމްކޮށްފައިވާ ލައިބްރަރީއަށް ވަޑައިގެން އެތަނުގެ ހާލަތުވެސް އެމަނިކުފާނު ވަނީ ބައްލަވާލައްވާފައެވެ. އަދި އެވުޒާރާއަށް މިވަގުތު ދިމާވެފައިވާ މައްސަލަތައް ހައްލުކޮށްދެއްވުމަށް މަސައްކަތްކޮށްދެއްވާނެ ކަމުގައި އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.