ޚަބަރު

މެޖިސްޓްރޭޓް ކޯޓުތަކަށް ހުށަހަޅާ ޖިނާޢީ މައްސަލަތައް އީމެއިލް މެދުވެރިކޮށް ހުށަހެޅޭގޮތް ހަދައިފި


ޕްރޮސިކިއުޓަރ ޖެނަރަލްގެ ފަރާތުން މެޖިސްޓްރޭޓް ކޯޓުތަކަށް ހުހައަޅާ މައްސަލަތަކުގެ ލިޔުންތައް އީމެއިލްގެ ޛަރީޢާއިން ހުށައެޅޭގޮތަށް ސުޕްރީމް ކޯޓުން ހަމަޖައްސަވައިފިއެވެ.

ސުޕްރީމް ކޯޓުން ނެރުނު ސަރކިއުލާއެއްގައި ވިދާޅުވެފައިވަނީ ޖިނާއީ އިޖްރާއާތުގެ ޤާނޫނުގެ ދަށުން ކޯޓުތަކަށް ހުށަހަޅާ މައްސަލަތަކުގެ ތެރެއިން، ރަށް ރަށުގެ މެޖިސްޓްރޭޓް ކޯޓުތަކަށް ތަފާތު ސަބަބުތަކާހެދި، ހުށަހަޅަން އޮންނަ މުއްދަތުގައި މައްސަލަތައް ހުށަހެޅުމުގައި ދަތިތަކެއް ކުރިމަތިވަމުންދާކަން އެ ކޯޓަށް ފާހަގަކުރެވިފައިވާކަމަށެވެ.

އެގޮތަށް ދިމާވަމުންދާތީ މެޖިސްޓްރޭޓް ކޯޓުތަކަށް ހުށަހެޅޭ ޖިނާއީ މައްސަލަތައް އެކަށީގެންވާ އަވަސްކަމާއި ފަސޭހަކަމާއެކު ހުށަހެޅުމުގެ ފުރުޞަތު ލިބިދިނުމަށް، ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން، ޤާނޫނީ ގޮތުން ވަކި މުއްދަތެއްގެ ތެރޭގައި ހުށަހަޅަންޖެހޭ މައްސަލަތަކުގެ އަސްލު ހުށަހެޅުމަށް އުޒުރުވެރިވާ ޙާލަތެއް މެދުވެރިވެއްޖެނަމަ އެފަދަ މައްސަލަތައް ޕްރޮސިކިއުޓަރ ޖެނަރަލްގެ ފަރާތުން ޤާނޫނުގައި ކަނޑައެޅިފައިވާ މުއްދަތުގައި އެ ކޯޓުތަކަށް އީމެއިލްގެ ޛަރީޢާއިން ހުށަހެޅުމަށްފަހު، މައްސަލަތަކުގެ ލިޔުންތަކުގެ އަޞްލު، ރަސްމީ މަސައްކަތު 05 ދުވަހުގެ ތެރޭގައި ޕީޖީގެ ފަރާތުން ހުށަހެޅުމުން އެ މައްސަލަ ބަލައިގަނެ ކުރިއަށް ގެންދާގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.

އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ ސޮއިކުރައްވައި ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކާއި ޕީޖީ އޮފީހާއި، އެޓާނީ ޖެނަރަލް، އޭޖީ އޮފީހުގެ އިތުރުން ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ފޮނުވާފައި މިސަރކިއުލާގައި ރާއްޖޭގައި އަސާސީ ޙައްޤެއްގެ ގޮތުގައި ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އިންޞާފު ލިބިދިނުމުގެ ޙައްޤަކީ އެއްވެސް ތަފާތުކުރުމަކާ ނުލައި، އެކަށީގެންވާ އަވަސް މިނެއްގައި ފަސޭހަކަމާއެކު ލިބިދޭންޖެހޭ ޙައްޤެއްކަން ވަނީ ފާހަގަކޮށްފައެވެ.އަދި އިންސާފު ހޯދަން ބޭނުންވާ ފަރާތްތަކަށް، ޤާނޫނުތަކުގައި ކަނޑައަޅާފައިވާ ގޮތުގެމަތިން އެ ޙައްޤު ކަށަވަރުކުރުމަށްޓަކައި، އެ ވަގުތަކަށް އަޅަންޖެހޭ އެންމެ މުނާސަބު ފިޔަވަޅުތައް ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ބާރުގެ އެންމެ އިސްފަރާތުގެ ޙައިޘިއްޔަތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އަޅަމުން ގެންދާނެކަން ސުޕްރީމް ކޯޓުން ނެރުނު ސަރކިއުލާގައި ވަނީ ފާހަގަކުރައްވާފައެވެ.