މޯލްޑިވްސް މަރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން އެމް.އެމް.ޕީ.އާރު.ސީން ކުރިއަށްގެންދާ އެޑްވެންޗާރސް މޯލްޑިވްސް، ދިވެހި އާހިތަ މުބާރާތުގެ ފައިނަލިސްޓުންގެ ނަންތައް އިޢުލާންކޮށްފިއެވެ.
ދިވެހި އާހިތަ މުބާރާތަކީ އާންމުންނާއި ފަތުރުވެރިން ހިމެނޭހެން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ އިޝްތިހާރުކުރުމަށްޓަކައި އެމް.އެމް.ޕީ.އާރު.ސީން ބާއްވާ މުބަރާތެކެވެ.
ފަތުރުވެރިކަން އިޝްތިހާރުކުރުމަށްޓަކައި "ސްޓޯރީސް އޮފް މޯލްޑިވްސް" ކެމްޕެއިންގެ ބައެއްގެ ގޮތުގައި ކުރިއަށްގެންދާ މި މުބަރާތް ތަޢާރަފްކޮށްފައިވަނީ 2017 ވަނަ އަހަރުއެވެ.
މިއަހަރުގެ ދިވެހި އާހިތަ މުބާރާތުގައި 27 ފަރާތަކުން ބައިވެރިވެ ވީޑިއޯ ހުށަހަޅާފައިވާއިރު ފައިނަލްއަށް 13 ފަރާތެއް ހޮވިފައިވެއެވެ. އެއީ ސުޖާއު ހަމީދު، އިބްރާހިމް ސިފާޒް ޝައުކަތު، ތަސްނީމް އަލީ، އަލީ މަމްދޫހު، ހަސަން ރާއިޒް ރިޔާޒް، ޝައުގާން ޝަރީފް، މުހައްމަދު ރިޔާޒް، އަލީ އައްސަދް، ހަސަން ފައިސަލް މުހައްމަދު، މުހައްމަދު އައްވާމް، އަހުމަދު ފަޒީލް، ޕައުލް ލޮޒީކް އަދި ކެމީލިއާ ޑޭލިއާން އެވެ.
13 ފައިނަލިސްޓުންގެ ތެރެއިން ފައިނަލްގައި 3 ބައިވެރިން ހޮވަން ހަމަޖެހިފައިވާއިރު އެއްވަނައަށް ދާ ފަރާތަށް ސަތޭކަ ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. ދެވަނައަށް ދާ ފަރާތަކަށް ވިހި ހާސް ރުފިޔާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވާއިރު ތިންވަނައަށް ދާ ފަރާތަކަށް ގޯޕްރޯ ހީރޯ ފައިވްއެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތުގެ ފައިނަލަށްދާ ފަރާތްތައް އިއުލާންކުރާނީ މިމަހުގެ 30 ވަނަ ދުވަހު މިކަމަށްޓަކައި ބާއްވާ ޚާއްސަ ރަސްމިއްޔާތެއްގެ ތެރެއިންނެވެ.
އެމް.އެމް.ޕީ.އާރު.ސީން ބުނީ މިފަހަރުގެ މުބާރާތައް ހުށަހަޅާފައިވާ ވީޑިއޯތައް ކުރީ އަހަރާއި އަޅާބަލާއިރު ވަރަށް ބޮޑުތަން ފެންވަރު ރަނގަޅުކަމަށެވެ. އެހެންކަމުން މި މުބާރަތުގެ އެހީގައި ބައިވެރިންނަށް އެމީހުންގެ ހުނަރުތައް ބައިނަލްއަޤްވާމީ ދުނިޔޭގައި ދައްކާލެވޭނެ ފުރުސަތު ހުޅުވާލެވިގެންދާނެކަމަށް އެމް.އެމް.ޕީ.އާރު.ސީން ބުނެއެވެ. ދިވެހި އާހިތަ ބާއްވާ މިއީ ދެވަނަ ފަހަރަށްވާއިރު އެމްއެމްޕީއާރްސިއިން ބުނީ މި މުބާރާތުގެ ފެންވަރު ރަނގަޅުކޮށް ކުރިއަށްއޮތް އަހަރު ތަކުގައިވެސް މުބާރާތް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާކަމަށެވެ.
އެޑްވެންޗާރސް މޯލްޑިވްސް ދިވެހި އާހިތައިގެ މިއަހަރުގެ ސްޕޮންސަރުންނަކީ ރެޑް ބުލް، ޔޫރޯ މަރކެޓިންގ ޓެކް ސްޓްރީޓް، މޯލްޑިވްސް ޓީވީ، ޕްރޮވިޑެންސްގެ އިތުރުން މޯލްޑިވްސް އިންސައިޑަރއެވެ.