ޚަބަރު

މައިގަނޑު މަޤްސަދަކީ ޒަޢާމަތާއި ޙަވާލުވުން - ޢަބްދުއްރަޙީމް


ކޮންގްރެސް ޕާޓީން މަސައްކަތްކުރާނީ މިހާރުގެ ސަރުކާރު ޖަވާބުދާރީ ކުރުވުމާއެކު އެންމެ އަވަހަށް އޮންނަ ރިޔާސީ އިންތިޚާބު ކާމިޔާބުކުރުމަށް ކަމަށް އެޕާޓީގެ ވަގުތީ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ އިފްތިތާޙީ ޖަލްސާގައި އެޕާޓީގެ ވަގުތީ ރައީސަކަށް އައްޔަންކުރެއްވި ޕީޕީއެމްގެ ކުރީގެ ނާއިބުރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރ އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، އެޕާޓީން މަސައްކަތްކުރާނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ފިކުރާއި، އެމަނިކުފާނުގެ ސިޔާސަތުތައް ނަގަހައްޓަންކަމަށެވެ. އެގޮތުން ކޮންގްރެސް އަށް ބޮޑު ތާއީދެއް ރައްޔިތުންގެ ފަރާތުން ލިބެމުންދާކަމަށާއި، އެ ތާއީދު ލިބެމުންދަނީ ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި ރާއްޖޭގެ ތަރައްޤީއާއި ކުރިއެރުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ކޮށްދެއްވާފައިވާ އަގުހުރި މަސައްކަތްޕުޅުގެ ސަބަބުންކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި އެޕާޓީން މަސައްކަތްކުރާނީ ރައީސް ޔާމީނު މިހާރު އިސްކޮށް ހުންނެވި ޕީޕީއެމްއާއި ގުޅިގެން ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

" އަޅުގަނޑު ދިވެހި ރައްޔިތުންނަށް ޔަގީންކޮށްދޭން ބޭނުންވަނީ އަޅުގަނޑުމެންގެ ޕާޓީގެ މާއިގަނޑު މަގުސަދުގެތެެރޭގައި މިއޮތީ ރާއްޖޭގެ ޒަޢާމަތާއި ހަވާލުވުމުގެ މަސައްކަތޭ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މަސައްކަތްކުރާނީ މިހާރު މިއޮތް ސަރުކާރު ޖަވާބުދާރީކުރުމާއި އެކީގައި ދެން އެންމެ އަވަހަށް އޮންނަ ރިޔާސީ އިންތިޚާބެއްގައި މި ޕާޓީން ދިވެހިރާއްޖޭގެ ވެރިކަމާއި ހަވާލުވުމަށް" އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ ދިވެހި ޤައުމަށް ކުރިމަތިވެދާނެ ކޮންމެ ނުރައްކަލަކުން ޤައުމު ސަލާމަތްކޮށް މާތްވެގެންވާ އިސްލާމްދީނުގެ ހިމާޔަތުގައި ކޮންގްރެސް ޕާޓީން އަބަދުވެސް ސާބިތުވެ ތިބޭނެކަމަށެވެ.

"އަޅުގަނޑު ދިވެހި ރައްޔިތުންނަށް ޔަގީންކަން އަރުވަން ބޭނުންވަނީ އަޅުގަނޑުމެން ޕާޓީގެ މައިގަނޑު މަގުސަދަކީ ސައްތައިސް ސައްތަ މުސްލިމު، މިނިވަން މުސްތަގިއްލު ދިވެހި ޤައުމެއް ބިނާކުރުމަށް. މިދިވެހި ފަސްގަނޑުގައި މާތްވެގެންވާ އިސްލާމް ދީން ފިޔަވައި އެހެން ދީނަކަށް ފުރުސަތު ނުދިނުމަށް ކަމަރު ބަނދެގެން. ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިގްލާލު ނަގާލުމަށް ކުރެވޭ ކޮންމެ މަސައްކަތަކާއި ދެކޮޅަށް ތެދުވުމުގެ މަތިވެރި އަޒްމުގައި"

އަބްދުއްރަހީމް ވިދާޅުވީ ކޮންގްރެސް ޕާޓީ ރަޖިސްޓްރީވެ ފުރަތަމަވެސް މަޖިލީހަށް ވަންނާނީ މަޖިލީހުގެ ޤާނޫނީ ހައިސިއްޔަތާއި އެކު ކަމަށެވެ. އެއާއެކު ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޕީ.އެން.ސީ ޢާއި ޕީ.ޕީ.އެމުން ގުޅިގެން ވާދަކޮށް މަޖިލީހުގެ ގިނަ ދާއިރާއެއްގެ ގޮނޑި ކާމިޔާބުކުރުމަކީ އަމާޒެއް ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.