ޚަބަރު

ގޮނޑި ގެއްލުނުކަމަށް ކުރިން ކަނޑައެޅި 7 މެމްބަރަކަށް ޖޭޕީގެ ޓިކެޓްދޭން ނިންމައިފި


ޕާޓީ ބަދަލު ކުރުމުން ގޮނޑި ގެއްލުނު ކަމަށް އިލެކްޝަން ކޮމިޝަނުން ނިންމި 12 މެމްބަރުންގެ ތެރެއިން ޖުމްހޫރީ ޕާޓީއާ ގުޅުނު މެމްބަރުންނަށް ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި ވާދަ ކުރުމަށް އެ ޕާޓީގެ ޓިކެޓް ދޭން ނިންމައިފިއެވެ.

ޖޭޕީގެ ތަރުޖަމާނު އަލީ ޞާލިހް ވިދާޅުވީ، ގޮނޑި ގެއްލުނު ކަމަށް ކުރިން އީސީން ކަނޑައެޅި 12 މެމްބަރުންގެ ތެރެއިން ޖޭޕީއާ ގުޅުނު މެމްބަރުންނަށް ޕްރައިމަރީއަކާ ނުލައި މަޖިލިސް އިންތިޚާބުގެ ޓިކެޓް ދޭން ޖޭޕީގެ ކައުންސިލުން ނިންމާފައިވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ގެއްލުނުކަމަށް އީސީން ކަނޑައެޅި ނިންމުން ބާޠިލްކަމަށް ސުޕްރީމް ކޯޓުންވަނީ ޙުކުމްކޮށްފައެވެ. އަދި އެ މެމްބަރުންގެ ގޮނޑިތައް ނުގެއްލޭކަމަށް ވަނީ ކަނޑައަޅާފައެވެ.

މީގެ ތެރެއިން ޖޭޕީއާ ގުޅިވަޑައިގެންނެވީ ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުޞައިނާއި ހަނިމާދޫ ދާއިރާގެ މެންބަރު ހުޞައިން ޝަހުދީއާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތާއި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަޙްމަދާއި ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަޙްމަދާއި ދިއްދޫ ދާއިރާގެ މެމްބަރު މުޙައްމަދު ލަތީފާއި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު ޢަލީ ޝާހެވެ.

ޖޭޕީގެ ޓިކެޓް ހަތް މެމްބަރަކަށް ދޭން ނިންމިއިރު، ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމު ވަނީ ގޮނޑި ގެއްލުނު ކަމަށް ނިންމި ހުރިހާ މެމްބަރުންނަށް ޕްރައިމަރީއަކާ ނުލައި ޓިކެޓްދޭން ކޯލިޝަން ޕާޓީތަކުގެ ލީޑަރުންގެ މެދުގައި އެއްބަސް ވެފައިވާކަމަށް ވިދާޅުވެފައެވެ.