ޚަބަރު

މަޖިލިސް އިންތިޚާބުގައި 264،589 މީހުންނަށް ވޯޓު ލެވޭނެ - އީސީ


ކުރިއަށްއޮތް ރައްޔިތުން މަޖިލީހުގެ އިންތިޚާބުގައި 264،589 މީހުންނަށް ވޯޓުދިނުމުގެ ޙައްޤުލިބިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އަންނަ އޭޕްރީލް މަހުގެ ހަވަނަ ދުވަހު ބާއްވަން ނިންމާފައިވާ މަޖިލިސް އިންތިޚާބުގައި ދެލައްކަ ފަސްދޮޅަސް ހާސް ހާހަށްވުރެ ގިނަ މީހުންނަށް ވޯޓުލުމުގެ ހައްޤުލިބިފައިވާއިރު، މުޅިން އަލަށް 2336 މީހުން މިއިންތިޚާބުގައި ވޯޓުލާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.

ޕީ.އެސް.އެމް ނިއުސްއަށް މައުލޫމާތުދެއްވަމުން އިލެކްޝަންސް ކޮމިޝަނުގެ މެންބަރ އަޙްމަދު އަކްރަމް ވިދާޅުވީ މަޖިލިސް އިންތިޚާބު ބާއްވަން ކަނޑައަޅާފައިވާ ދުވަހާއި ހަމައަށް 18 އަހަރު ފުރޭ މީހުން ހިމަނައިގެން ވޯޓާސް ލިސްޓް މާދަމާ އާންމުކުރާނެކަމަށެވެ. އެއާއެކު ވޯޓަރސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތުވެސް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލާނެއެވެ.

މިދިޔަ ރިޔާސީ އިންތިޚާބުގައި ވޯޓު ދިނުމުގެ ހައްޤުލިބިގެންވާ މީހުންގެ އަދަދު 262,135 އެރިއެވެ.

މިފަހަރުގެ އިންތިޚާބުގައި ރަށްވެހިވެފައިވާ ތަން ނޫން އެހެންތަނެއްގައި ވޯޓުލުމަށް ރަޖިސްޓްރީ ކުރަން ޖެހޭނީ ރިޔާސީ އިންތިޚާބުގެ ވޯޓުލީތަން ނޫން އެހެންތަނަކަށް ވޯޓުލާން ބޭނުންވާ ފަރާތްތަކުން އެކަނިކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.

މަޖިލީހުގެ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު މިރޭ ހުޅުވާލަން އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމައިފަ އެވެ.