ޚަބަރު

މަޖިލިސް އިންތިޚާބަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި


އަންނަ އޭޕްރީލް މަހުގެ ހަވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުން މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލާން އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ކުލައާ ލޯގޯ އިފްތިތާޙް ކުރުމަށްޓަކައި ހޮޓެލް ޖެންގައި މިހާރު ކުރިއަށްދާ ޙަފްލާއެއްގައި ވާހަކަފުޅުދައްކަވަމުން އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވީ މަޖިލިސް އިންތިޚާބުގައި ވާދަކުރަން ބޭނުންވާ އަމިއްލަ ފަރާތްތަކާއި ސިޔާސީ ޕާޓީތަކަށް އެ ފުރުޞަތު ހުޅުވާލައިފައިވާ ކަމަށެވެ.

މަޖިލިސް އިންތިޚާބަށް ކުރިމަތިލާން ހުޅުވާލިއިރު ސިޔާސީ ބައެއް ޕާޓީތަކުން ވަނީ އިންތިޚާބުގައި ވާދަކުރުމަށްޓަކައި މެންބަރުންނަށް ޓިކެޓުވެސް ދީފައެވެ. އަދި ބައެއް ޕާޓީތަކުން ވަނީ އިންތިޚާބުގައި ވާދަކުރާ ފަރާތްތަކުގެ މެދުގައި ޕްރައިމަރީއެއް ބާއްވާ ޓިކެޓު ދޭނެ ފަރާތްތައް ކަނޑައަޅާފައެވެ.

މަޖިލިސް އިންތިޚާބުގައި 264،589 މީހުންނަށް ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ. އަދި މާދަމާ ވޯޓަރސް ލިސްޓު ޢާއްމު ކުރާނެ ކަމަށް އިލެކްޝަނުން ބުނެއެވެ.