ޚަބަރު

ޕީޕީއެމް އާއި ކޮންގްރެސް ޕާޓީއާ މެދު ޒާތީ ގޮތެއް ނުގެންގުޅެން - ޝަރީފް


ޕީޕީއެމް އާއި ޕީއެންސީއާ މެދު ޒާތީ ގޮތެއް ގެންގުޅޭ ކަމަށް ބުނެ ދައްކަމުންދަނީ ހަޤީގަތާއި ޚިލާފު ވާހަކަތަކެއްކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފު ވިދާޅުވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ލޯގޯއާއި ކުލަ އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފު ވިދާޅުވީ، އިލެކްޝަންސް ކޮމިޝަނުގެ މަސައްކަތްތަކާއި ގުޅިގެން ބައެއް ސިޔާސީ ޕާޓީތަކާއި، ބައެއް މީޑިއާތަކުން ހަޤީގަތް ބެލުމެއްނެތި ދޮގު ވާހަކަތައް ފަތުރަމުންދާކަމަށެވެ. ޝަރީފް ވިދާޅުވީ އެއްވެސް ސިޔާސީ ޕާޓީއަކާއަކަށްވެސް އަދި އެއްވެސް ފަރުދަކާއި މެދުވެސް ޤާނޫނާއި ޚިލާފު އެއްވެސް ކަމެއް ކޮށްފައި ނުވާނެކަމަށެވެ. އަދި އެފަދަ ވިސްނުމެއް އިލެކްޝަނުން ނުގެންގުޅުއްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ޕީ.ޕީ.އެމްއާ ދޭތެރޭގައި އަޅުގަނޑުމެން އިލެކްޝަންސް ކޮމިޝަނުން ޒާތީ ގޮތެއް ގެންގުޅޭކަމަށް ނުވަތަ ޕީ.ޕީއެމްއާ ގުޅިފައިވާ ޕާޓީއެއް އުފެދިގެންދާއިރު އެޕާޓީއާދޭތެރޭގައި ޒާތީ ގޮތެއް ގެންގުޅޭކަމަށް ދެކެވޭ ވާހަކަތަކަކީ ހަޤީގަތާއި ޚިލާފު ވާހަކައެއް. އަޅުގަނޑު މިއަދު ރައްޔިތުންނަށް ދަންނަވާލަން ބޭނުންވަނީ އެއީ އެއްވެސް ހަގީގަތެއްވާ ވާހަކައެއް ނޫނޭ. އެކަމުގައި ކަންތައްކޮށްފައިވާނީ ޤާނޫނާއި އެއްގޮތަށޭ"

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމާއި، ހޯމް މިނިސްޓަރ އަދި އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން އަބްދުﷲ ގެ އިތުރުން ސިޔާސީ ޕާޓީތަކުގެ އިސްފަރާތްތަކާއި، މިނިވަން މުއައްސަސާތަކުގެ ބައެއް މެންބަރުން ބައިވެރިވި މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އިލެކްޝަންސް ކޮމިޝަން ޖަވާބުދާރީކުރަން ކުރާ މަސައްކަތައް އެކޮމިޝަނުން މަރުހަބާ ދަންނަވާކަމަށެވެ. ކަންކަން ކުރުމުގައި އޮންނަ އުސޫލުން ކުރެވޭ ކޮންމެކަމަކަށް ކޮމިޝަނުން އެއްބާރުލުން ދޭނެކަމަށާއި، ޤާނޫނީ އިމުގެ ތެރެއިން ކޮމިޝަނުން ކޮށްފައިވާ ކޮންމެކަމަކަށް ޖަވާބުދެއްވަން ތައްޔާރަށް ތިބި ކަމަށް ޝަރީފު ވިދާޅުވިއެވެ.

"އަޅުގަނޑުމެން އަބަދުވެސް ދަންނަވަން ތަނެއްގައި ދޮރެއްކައިރީގައި ހުރެގެން ވާހަކަދެއްކިޔަކަށް އަދި އިލެކްޝަންސް ކޮމިޝަނަކުން ޖަވާބުދާރީއެއް ނުވާނެކަމަށް. އަޅުގަނޑުމެން ޖަވާބުދާރީވާނީ ޤާނޫނުގައި އޮންނަ ގޮތުގައ މަތީން ޤާނޫނާއެއްގޮތަށް އިލެކްޝަންސް ކޮމިޝަނުގެ މެންބަރުން ޖަވާބުދާރީ ކުރުވާށޭ. އަޅުގަނޑުމެން އިރާދަކުރެއްވިޔާ މިތިބީ ޤާނޫނުގެ ތެރެއިން، އަޅުގަނޑުމެން ކޮށްފައިވާ ކޮންމެކަމަކަށް ޖަބާވުދާރީވާން ތައްޔާރަށޭ."

ސިޔާސީ ޕާޓީތަކުގެ ޤާނޫނާއި، ޤަވާއިދުތަކުގައި އިސްލާޙްކުރަންޖެހޭ ކަންކަން ހުރިކަން ފާހަގަކުރައްވަމުން އިލެކްޝަންސް ކޮމިޝަނުގެ ރައީސް ވިދާޅުވީ އެކަންކަން އިސްލާޙްކުރުމަށް ކޮމިޝަނުންގެ ފަރާތުން މަޖިލީހަށް ހުށައަޅާނެކަމަށާއި، އެހުށަހެޅުންތަކަށް ބަލައި ކަންކަން އިސްލާޙްކުރުމަށް މަޖިލީހަށް އަލަށް ހޮވޭ ހުރިހާ މެންބަރުންވެސް އެއްބާރުލުންދޭނެކަމަށް އުންމީދުކުރައްވާކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް ވިދާޅުވިއެވެ.